މާލޭގައި ހިންގާ 24 މަސާޖު ޕާލާ އިދާރާތަކުން ބަންދުކުރުމުން އިތުރު 28 ތަނެއް އަމިއްލައަށް ބަންދުކޮށްފި: މުއިއްޒު މާލޭގައި ހިންގާ 24 މަސާޖު ޕާލާ އިދާރާތަކުން ބަންދުކުރުމުން އިތުރު 28 ތަނެއް އަމިއްލައަށް ބަންދުކޮށްފި: މުއިއްޒު

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގަމުންދިޔަ 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށާއި މީގެ ތެރެއިން ގިނައީ އިދާރާތަކުގެ އޮޕަރޭޝަނާއި ގުޅިގެން އަމިއްލައަށް ބަންދުކޮށް އެ ވިޔަފާރިން ދުރަށް ދިޔަ ތަންތަން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގަލޮޅު ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އާންމުކޮށް އަބަދު ވެސް މަސާޖު ޕާލާތައް ބަލައި، ނުރަނގަޅުކޮށް ހިންގާ ތަންތަން އިދާރާތަކުން ބަންދުކުރާ ކަމަށެވެ. ނަމަވެސް، މިދިޔަ ހަފުތާއެއްހާ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގީ ޑިސެމްބަރު 7، ގައި ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މީހަކު މަސާޖު ޕާލާތަކާއި ގުޅޭގޮތުން ކުރި ޝަކުވާއަށްފަހު ކަމަށް ވިދާޅުވި އެވެ.
"ހަފުތާއެއް ގާތްގަނޑަކަށް މިވީ. ވީއިރުގަ. މިދިޔަ، މި ކުޑަ ދުވަސްކޮޅުގެ ތެރޭގަ ކުރެވުނު މަސައްކަތުން 52 މަސާޖު ޕާލާ ބަންދުވެއްޖެ. 52 ތަނުގެ ތެރެއިން 24 ތަން އެ އޮޕަރޭޝަންގެ ތެރެއިން ގޮސް ވަދެ، ފާހަގަވެފަ ހުރި ކަންކަމަށް ބަލާފަ. އޮންނަ އުސޫލުން ބަންދުކުރީ އެ ޓީމުން،"
"މިކަން މިހެން ހިނގާތީވެ އަމިއްލައަކަށް ހުއްޓާލާފަ. ވިޔަފާރި ބަންދުކޮށްފަ. އަމިއްލައަކަށް ބަންދުކުރީ 28 ތަން،" މުއިއްޒު ވިދާޅުވި އެވެ.
ހާއްސަ ސަމާލުކަމެއް މިކަމަށް ދީގެން މި ހަފުތާ ތެރޭ މިކަން ކުރެވުނީ ރައްޔިތުން ދިން ހިޔާލާއި އެއްގޮތަށް ކަމަށް ވިދާޅުވެ މުއިއްޒު ވަނީ މި ސަރުކާރުގެ އަމާޒަކީ މުޖުތަމައުގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުން ކަން ފާހަގަކުރައްވާފަ އެވެ.
ފުލުހުންނާއި އިމިގްރޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން ގަވާއިދާއި ހިލާފަށް އުޅުނު 10 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން ޑީޕޯޓުކުރާނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ.
"ކޮންމެ ބޭފުޅަކު ވިދާޅުވާ ކޮންމެ ކަމެއް ވެސް. އެ ކަމަކަށް ކުރެވެން ހުރި ކޮންމެ ކަމެއް ނިޒާމުގެ ތެރެއިން. ކުރެވެންހުރި ހުރިހާ ކަމެއް ގާނޫނާއި ގަވާއިދުގެ ތެރެއިން، ހަމަތަކުގެ މަތިން އަޅުގަނޑުމެން ކޮށްދޭނަން،" މިރޭ ރައްޔިތުންގެ ހިޔާލަށް ހުޅުވާލުމުގެ ކުރިން މުއިއްޒު ވިދާޅުވި އެވެ.
ހެންވޭރު ޖަލްސާގައި މަސާޖު ޕާލާތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރީ ފިރިހެނެކެވެ. އޭނާ ބުނީ ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް މި ގައުމު މުއްސަނދި ވާނެ ގޮތަކީ ރާއްޖޭގައި ހިންގާ މަސާޖުޕާލާތައް ވަގުތުން ވަގުތަށް ބަންދުކުރުން ކަމަށެވެ.
"ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް މި ގައުމު މުއްސަނދިވާނެ އެންމެ ގޮތެއް އޮތީ، އެ މުއްސަނދިކަމަކީ މި ތަނުގެ މަސާޖުޕާލާތައް ބަންދުކުރަންވީ މިހާރުން މިހާރަށް، މިހާރުން މިހާރަށް ރައީސް ބަންދުކުރައްވާ، ހެޔޮނުވާނެ. الله ގެ ކޯފާއެއް އައިސްފާނެ މި ތަނަށް،" ޔާސިރު ބުންޏެވެ.
އޭނާ ބުނީ ގިނަ ބަޔަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް މަސާޖުޕާލާތަކަށް ހަރަދުކުރެ އެވެ. ނަމަވެސް މަސާޖު ޕާލާތައް ހިންގަމުން ދަނީ އެއްވެސް އިދާރާއަކުން އެކަން ކުރުމުގެ ހުއްދަ ދީގެން ނޫން ކަމަށް ޔާސިރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ