ފުރާނަހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މި ފަތުވާ ނެރެފައިވަނީ، މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމުގެ ހުކުމް ސާފުކޮށްދިނުމަށް އެދި އެ މަޖިލީހަށް އާންމު ފަރާތަކުން ހުށަހެޅި ސުވާލަކާ ގުޅިގެންނެވެ. މި ފަތުވާ ނެރުމުގައި އެކަމާ ގުޅޭގޮތުން އިސްލާމީ ޝަރީއަތުގައިވާ ގޮތް ދެނެގަތުމަށް އިލްމީ ދިރާސާތަކާއި ބުދު ބެހެއްޓުން ނަހީކުރައްވާފައިވާ ހަދީސްތަކަށް ބަލާފައިވެ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި އެކިއެކި ދޫނީގެ ސިފައިގަ އާއި ބައެއް އެހެނިހެން ވެސް ދިރޭތަކެތީގެ ސިފައިގައި މޮނިއުމަންޓުތައް ބަހައްޓާފައި ހުރެ އެވެ. އެގޮތުން، ކ. ހުރާގައި ބަހައްޓާފައި ހުންނަ މާކަނާ މޮނިއުމަންޓަށް މިދިޔަ އޮގަސްޓުގައި ގެއްލުން ވެސްދީފައިވެ އެވެ.
ބުނީ ކީކޭ؟ - ފަތުވާ މަޖިލީހުން ބުނިގޮތުގައި، މިކަމުގެ މުހިންމުކަން ދޭހަވަނީ ނަބިއްޔާ މުހައްމަދު صلى الله عليه وسلم މައްކާ ފަތަހަކުރެއްވި ދުވަހު މަނާތު، އުއްޒާ އަދި ލާތުފަދަ ބުދުތައް ނައްތާލެއްވުމަށް ސަހާބީން ފޮނުއްވި ކަމުންނެވެ. އަދި އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައި ވެސް ސަހާބީން އެކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައިވެ އެވެ.
ފަތުވާގައި ބުނިގޮތުގައި:
ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ސާލިހު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި، އިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން
މިކަމުގެ ނުރައްކާތެރިކަން ވަޒަންކުރެވި އިބްރާހީމުގެފާނު އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުއާކުރެއްވި
ހަދީސްފުޅުތަކުގައި ބަޔާންވެގެންވާ ގާ ގޮތުގައި، ގިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ
އެހެންކަމުން، ޝިރުކަށް މަގުފަހިވެދާނެ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަކަމެއް ނޫން
"އިލްމުވެރިންގެ އިޖުމާއުން ބުދު ހެދުމާއި ބެހެއްޓުން ހަރާމްވެގެންވެ އެވެ. މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުންގެ ބަރަކާތުން މަހުރޫމްވުމާއި، ޝިރުކަށް މަގުފަހިވުމާއި، އަދި اللهގެ ހަލްގުކުރެއްވުމާ އެއްފަދަކުރުން ހިމެނެ އެވެ،" ފަތުވާގައިވެ އެވެ.
"ސޫރަ ހެދުން ހަރާމްކުރެވިފައިވަނީ އެކަމުގައި اللهގެ ހަލްގުކުރެއްވުމާ އެއްފަދަކުރުން އެކުލެވިގެންވާތީއެވެ. އަދި ސޫރަ ހަދާ މީހުންނަށް "ތިޔަބައިމީހުން ހަލްގުކުރި އެއްޗެއް ދިރުވާށެވެ" މިފަދައިން އެންގެވޭނެކަމުގެ ވައީދު އައިސްފައިވެ އެވެ،"
ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތަކަކީ މި ހުކުމުން އިސްތިސްނާވާ ތަކެތި ކަމުގައި ބެލެވޭ ކަމަށް މި ފަތުވާގައިވެ އެވެ. އެގޮތުން ބުނީ، ކުޑަކުދިން ކުޅޭ ބުދަކީ އަންހެންކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނުކުރުމުގެ ގޮތުން ހުއްދަވެގެންވާ ކަމެއް ކަމަށެވެ.
އެއީ ހުއްދަ ކަމެއްކަން ދޭހަވާ، ހަދީސްތަކާއި، އެފަދަ ބުދު އައިޝާގެފާނު ވެސް ގެންގުޅުއްވި ކަމަށް ބާރުލިބޭ ހަދީސްތައް ވެސް މި ފަތުވާގައި ހިމަނާފައިވެ އެވެ.
"ޢާއިޝަތުގެފާނު ވިދާޅުވިއެވެ. "اللهގެ ރަސޫލާ صلى الله عليه وسلم ތަބޫކު ނުވަތަ ޚައިބަރު ހަނގުރާމައިން ވަޑައިގަތެވެ. އަދި އެކަމަނާގެ ގޭގައި ހުރި އަލަމާރިއެއްފަދަ ތަނެއްގައިހުރި ފަރުދާއެއް ވައިޖެހުމުގެ ސަބަބުން ކެހިގެން ދިޔަ އެވެ. އޭރު އެތާނގައި އައިޝަތުގެފާނު ކުޅެން ގެންގުޅުއްވާ ބުދުތަކެއް ހުއްޓެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވި އެވެ. 'އޭ ޢާއިޝާއެވެ! މިއީ ކޮން އެއްޗެއްތޯއެވެ؟ އެކަމަނާ ދެންނެވިއެވެ. ތިމަންކަމަނާ ކުޅެން ގެންގުޅުއްވާ ތިމަންކަމަނާގެ އަންހެން ދަރީންނެވެ. އަދި އެތަކެތީގެ ތެރޭގައި ފޮތިން ދެ ފިޔަގަނޑު ހަދާފައި ހުރި އަހެއް ހުރިތަން އެކަލޭގެފާނަށް ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. އެކުޅޭތަކެތީގެ މެދުގައި މިހުރީ ކޮން އެއްޗެއް ހެއްޔެވެ؟ އެކަމަނާ ދެންނެވި އެވެ. އަހެކެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. އޭގެ މަތީގައި އެހުރީ ކޮން އެއްޗެއް ހެއްޔެވެ؟ އެކަމަނާ ދެންނެވި އެވެ. ދެ ފިޔަގަނޑެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. ދެ ފިޔަގަނޑު ލީ އަސްވެސް ހުރޭ ހެއްޔެވެ؟" އެކަމަނާ ދެންނެވި އެވެ. ފިޔަގަނޑު ހުރި އަހެއް ސުލައިމާނުގެފާނުގެ ގެންގުޅުއްވި އަޑެއް ނުއައްސަވަމު ތޯ އެވެ؟ އެކަމަނާ ވިދާޅުވި އެވެ. ދެން އެކަލޭގެފާނުގެ ދަތްޕުޅުތައް ފެންނަވަރަށް ހިނިވަރުނަ ކުރެއްވިއެވެ." ފަތުވާގައިވެ އެވެ.
ފުރާނަހުރި ތަކެތީގެ ސިފައިގައި މޮނިއުމެންޓް ބެހެއްޓުމަކީ ހަރާމް ކަމެއް: ފަތުވާ މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ