އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދުގެ މައްޗަށް ޕީޖީޏް އުފުލާފައިވާ ދައުވާގެ ޝަރީއަތަކީ މީޑިއާ ސާކަސްއަކަށް ހަދާ މީޑިއާގެ ހެޑްލައިން ޖެހުމަށް ފުރުސަތު ނުދޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި މިދިޔަ މާޗް މަހުގެ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ 3 މީހުންނަކީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، ގ. ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންއެވެ. ހަމައެއާއެކު މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކޮށްފައި ވާ އިރު، މާޗް މަހުގެ 23 ވަނަ ދުވަހު މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު ވަނީ ހައްޔަރު ކޮށްފައެވެ. މި މީޙުންގެ ތެރެއިން ޝެހެޝާން ފިޔަވާ އެންމެންގެ މައްޗަށް ދައުވާ ވަނީ އުފުލާފައެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރި އިމިގްރޭޝަންގެ ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފަކާ ޝަމްއާން ކުރި ސުވާލަކާއި ގުޅިގެން އެ މައްސަލާގެ ޝަރީއަތް މީޑިއާ ހެޑްލައިން ހެދުމަށް ބޭނުން ނުކުރުމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޝަމްއާން ސުވާލުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފް ކަންކަން ކުރަން ހޯމް މިިނިސްޓަރު އަލީ އިހްސާން އެންގެވި ކަމަށް ބުނެއެވެ. ނަމަވެސް މި ސުވާލު ގާޒީވެސް ހުއްޓުވާފައިވާއިރު، ދައުލަތުންވެސް ވަނީ އެކަމަށް އިއުތިރާޒްވެފައެވެ.
ގާޒީ ވިދާޅުވީ ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާއި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ޝަމްއާނަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށެވެ.
ގާޒީ ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝަމްއާންގެ ބަންދު މުރާޖާކުރަން އޭނާގެ ފަރާތުން ހުށަހަޅާފައި ވިޔަސް، މިއަދު ވަގުތު ހުރިގޮތުން އެކަން ނުކުރެވޭތީ މި ހަފުތާގެ އެހެން ދުވަހެއްގައި ބަންދު މުރާޖާ އަޑުއެހުން ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ހައްޔަރު ކުރި ބިދޭސީންތަކަކީ ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ކަމަށާއި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނު އިރު މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް އޭނާ ގެންދިޔަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އޭނާ ދޫކޮށްލީ ޝަމްއާންގެ އިރުޝާދުގެ ދަށުން އެކަން "އާޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންނެވެ.
ޝަމްއާންގެ ޝަރީއަތް: މީޑިއާ ހެޑްލައިން ހަދަން ފުރުސަތު ނުދެވޭނެކަމަށް ބުނެ ގާޒީގެ އިންޒާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ