އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ކުންފުންޏަށް ތަޖުރިބާކާރު ސީއީއޯއެއް ހޯދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކޮންޓްރެކްޓް އުސޫލުން ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)އެއް ހޯދަން އިއުލާންކޮށްފިއެވެ. އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޕޭމަންޓް މޯލްޑިވްސްއަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފައެވެ. އެކަމަކު، މަސައްކަތުގެ ފެންވަރަށް ބަލައި، އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އެބައޮތްކަން ފާހަގަކޮށްފައިވެއެވެ. މި މަގާމަށް ކުރިމަތިލާ މީހުން ފައިނޭންސް، އިކޮނޮމިކްސް، އައިޓީ، ގާނޫނީ ދާއިރާ، ޕަބްލިކް ޕޮލިސީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފަދަ ކޮންމެ ވެސް އެއް ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްވަރުގެ ޑިގްރީއެއް ހާސިލުކޮށްފައިވާން ވާނެއެވެ. މަރުކަޒީ ބެންކް، އެމްއެމްއޭ-- ފޮޓޯ: އެމްއެމްއޭ އެއާއެކު، ޕޭމަންޓްސް، ފިންޓެކް، ބޭންކިން ނުވަތަ ރެގިއުލޭޓެޑް ފައިނޭންޝަލް ސާވިސްއެއްގެ ތެރެއިން ސީނިއާ ރޯލްތަކުގައި މަދުވެގެން ފަނަރަ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާން ވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ. އަދި، މަދުވެގެން ފަސް ނުވަތަ ހަތް ވަރަަކަށް އަހަރު ވަންދެން ކުންފުންޏެއްގެ މަތީ ފަންތީގެ މަގާމެއް (ސީއީއޯ، އެމްޑީ، ސީއޯއޯ، ސީއެފްއޯ) ފުރާފައިވުން ވެސް މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަގާމު ދިނުމުގައި މުސާރަ ކަނޑައަޅާނީ ކެންޑިޑޭޓުގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ރިއާޔަތް ކުރުމަށް ފަހެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި މި މަގާމަކީ ދިވެހިންނަށް ޚާއްސަ މަގާމެއްގެ ގޮތުގައި އިއުލާނުގައި ބުނެފައިނުވެއެވެ. މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖެނުވަރީ ފަނަރަވަނަ ދުވަހުގެ 15:00 އެވެ. މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެމްއެމްއޭ އިން އެދިފައިވެއެވެ. އެމްއެމްއޭއިން ޕޭމަންޓް މޯލްޑިވްސް އުފެއްދީ މިއަހަރުގެ ޖޫން މަހުގައެވެ. އެ ކުންފުނި އުފެއްދީ ބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމުގެ މަގުސަދުގައި ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެ ކުންފުނި ހިންގަން ހަމަޖެހިފައިވަނީ އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާ މުޅިން ވަކިންނެވެ. https://sun.mv/209058 މީގެ އިތުރުން ވެސް، ރާއްޖެއާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމެއްގައި ވެސް ނިމުނު ޖުލައިގައި ސޮއިކޮށްފައިވެއެވެ. ރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭއިން އިތުރަށް ކުރާ މަސައްކަތްތަކުގެ ދަށުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގުސަދަކީ ބޭންކްތަކާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑުތަކަކަކަށް ހެދުމެވެ. މީގެ ސަބަބުން ބޭނުންކުރަން ފަސޭހަ އީޖާދީ ޚިދުމަތްތައް ތައާރަފު ކުރުމަށް މަގު ފަހިވާނެއެވެ. އަދި، ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގްވާމީ މުއާމަލާތްތަށް ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ