މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޮސްވުމާއި ގުޅިގެން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 07:30 އިން ފެށިގެން 10:00 އާއި ހަމައަށެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކަށެވެ.
މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށްވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
ހުޅަނގު ދެކުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލުމާތު ދެއްވައެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި ވެފައި މޫސުމާއި ބެހޭ އިދާރާއިން މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް "ޔެލޯ އެލާޓް" ނެރެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވެސް ވަނީ މިއަދު އިލްތިމާސް ކުރައްވާފައެވެ.
ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބައްލައިގެން ދަތުރުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރައްވައެވެ.
މީގެ އިތުރުން، ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭއްވެވުމަށް ވެސް އެމްއެންޑީއެފް އިން އެދިވަޑައިގަންނަވައެވެ.
އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުންމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ