ފަޔާ ލޮރީގައި މައްސަލައެއް ޖެހުމުން ފުނަދޫ އެއާޕޯޓަށް ދަތުރުތައް މެދުކަނޑާލައިފި
ށ. ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީގައި މައްސަލައެއް ޖެހުމާ ގުޅިގެން އެ އެއާޕޯޓަށް ކުރަން އޮތް ދަތުރުތައް މިއަދު މެދުކަނޑާލައިފިއެވެ. ގައުމީ އެއާލައިން، މޯލްޑިވިއަންއިން ނެރުނު އިއުލާނެއްގައި ވަނީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ފުނަދުއަށް މިއަދު ޝެޑިއުލްކޮށްފައި އޮތް ދަތުރުތައް ކުރެވެން ނެތް ކަމަށެވެ. ފުނަދުއަށް ދާން މިއަދަށް ޓިކެޓް ނަގައިފައިވާ މީހުންނަށް އެހެން ގޮތެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހުންނާ ސީދާ ވާހަކަދައްކައިގެން ހައްލެއް ގެނެސްދޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަންއިން ވަނީ އެ މައްސަލައާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދި، އެހީއެއް ބޭނުންވާ ނަމަ 1671އަށް ގުޅުމަށް އެދިފައެވެ. https://x.com/MaldivianAero/status/1931211216074223951 ފުނަދޫ ކައުންސިލް ރައީސް އަހުމަދު އިބްރާހީމްފުޅު "ސަން"އަށް ވިދާޅުވީ، އެއާޕޯޓުގައި އޮތް ފަޔާ ލޮރީއަށް މައްސަލައެއް ދިމާވި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ބޯޓުތައް ޖައްސާއިރު އެ ލޮރީ ތައްޔާރީ ހާލަތުގައި އޮންނަން ޖެހޭއިރު، ލޮރީއަށް މައްސަލައެއް ދިމާވުމުން ދަތުރުތައް ނުބޭއްވެނީ ކަމަށެވެ. މޯލްޑިވިއަންއިން ފުނަަދުއަށް ދަތުރުތައް ކުރަނީ ހަފުތާއަކު ތިން ދުވަހެވެ. އުއްމީދަކީ، މައްސަލަ ހައްލުވުމާއެކު އަންނަ އަންގާރަ ދުވަހު އެއާޕޯޓުގެ ދަތުރުތައް ފެށޭނެކަމަށް ކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގާ ފުނަދޫ އެއާޕޯޓު ހެދުމުގެ މަސައްކަތް ފެށީ ޖަނަވަރީ 14، 2018ގައެވެ. އެ އެއާޕޯޓުގެ ދަތުރުތައް ފެށީ ފެބްރުވަރީ 3، 2020ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ