މި ސަރުކާރުން މަސްވެރި ސިނާއަތަށް 4.5 ބިލިއަން ރުފިޔާ އިންވެސްޓު ކުރާނެ: ޝިޔާމް

މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް 4.5 ބިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މެރިކަލްޗާ، ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ މިސަރުކާރުން ކުރުމަށް އަމާޒު ހިފާފައިވާ ކަމެކެވެ. އެ ކަމަށްޓަކައި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފަހި ފުރުސަތުތަކެއް ސަރުކާރުން ތަނަސްކޮށްދޭން ވަނީ ނިންމައިފައެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ޝިޔާމް ވިދާޅުވީ، މެރިކަލްޗާއަށް އިންވެސްޓުކުރަން ބޭރުގެ އިންވެސްޓަރުންނަށް އަންނަ މަހު ސަރުކާރުން ހުޅުވައިލާނެ ކަމަށެވެ. "މި މަސައްކަތްތަކަށް އަޅުގަނޑުމެންނަށް ފަންޑް ސެކިޔުއާ ކުރެވިއްޖެ. 4.5 ވަރަކަށް ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓްްސް އިރާދަ ކުރެއްވިއްޔާ މަސްވެރި ސިނާއަތަށް ހެދިގެންދާނެ. ސަރުކާރުން [މަސްވެރިކަމަށް] މި ވަރުގެ ބޮޑު އިންވެސްޓެއް، ފޯކަސްއެއް ދިން އެއްވެސް ޒަމާނެއް އޮތްހެން އަޅުގަނޑަކަށް ހިޔެއް ނުވޭ" ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް ދިމާވެފައި އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ، ކެޕޭސިޓީ ނެތިގެން ބާނާ މަސް ޕްރޮސެސްނުކޮށް އެކްސްޕޯޓު ކުރުން ކަމަށެވެ. ދިވެހިން ބާނާ މަހުގެ 87 ޕަސެންޓު އެކްސްޕޯޓު ކުރަނީ ޕްރޮސެސްނުކޮށް ރޯމަހުގެ ގޮތުގައެވެ. އެހެން އެކަން ދިމާވަނީ، މަސް ރައްކާ ކުރެވޭ ކޯލްޑް ސްޓޯރެޖު ކެޕޭސިޓީ ދަށްވުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން، ޑިމާންޑު ނެތަސް ޖެހެނީ ބާނާ މަސްތައް އެކްސްޕޯޓު ކުރާށެވެ. މަސް ޕްރޮސެސް ނުކޮށް، އަދި ޑިމާންޑު ނެތީސް އެކްސްޕޯޓު ކުރަން ޖެހުމުން، އެ ކަމުން ލިބޭ އާމްދަނީ ދަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ އެއް މަސައްކަތަކީ ކޯލްޑް ސްޓޯރެޖާއި މަސް ޕްރޮސެސް ކުރާނެ ފެސިލިޓީތައް ތަރައްގީ ކުރުމެވެ. ދަޅުގައި މަސް ބަންދުކުރާ، ފެލިވަރުގެ ކޭނަރީއަކީ 40 އަހަރަށްވުރެ ގިނަ ދުވަސްވީ ތަނެކެވެ. ޖުމްލަ 50 ޓަނުގެ ކެޕޭސިޓީ އެ ތަނުގައި ހުރިނަމަ ވެސް، ބޭރު ކުރެވެނީ 35 ޓަނެވެ. ސަރުކާރުގެ އަމާޒަކީ އެތަނުގެ ކެޕޭސިޓީ 100 ޓަނަށް އިތުރު ކުރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ދެކުނުން، ފ. ނިލަންދޫއާއި ގދ. ފިޔޮރީގައި ވެސް ކޭނަރީއެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަހަރު ނިމުމުގެ ކުރިން އެ ދެ ތަން ވެސް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި މި ކޭނަރީތަކުގެ މަސައްކަތް ނިމުމާއެކު ރާއްޖެއިން ބާނާ މަހުގެ 90 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ޕްރޮސެސް ކުރެވޭނެއެވެ. "ގާތްގަނޑަކަށް އަޅުގަނޑުމެން މި ބަލަނީ 90 އިންސައްތައަށްވުރެ ބޮޑު އަދަދެއް އޭރުން އަޅުގަނޑުމެންނަށް ޕްރޮސެސް ކުރެވޭނެކަމަށް. އެހެންވީމާ މި މަސައްކަތަކީ މިއީ މި ވަގުތު ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު. އޭރުން އަޅުގަނޑުމެންނަށް ބޭރުގެ ބާޒާރުތަކުގައި މިހާރަށްވުރެ ރަނގަޅަށް މަހަށް އަގު ލިބިގެންދާނެ" ޝިޔާމް ވިދާޅުވިއެވެ. މީގެ ކުރިން މަސްވެރިކަމާއި އެހެން ވަޒީފާތަކާމެދު އޮންނަ ތަފާތުކުރުންތައް ނައްތައިލަން މި ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މަސްވެރިންނަށް ލޯނާއި، ކްރެޑިޓް ކާޑު ދޫކުރުމާއި، އެ މީހުންނަށް ބޭންކުން ލޯނު ނެގޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ