ބަންގްލަދޭޝްގެ އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވަނީ ބަންގްލަދޭޝްގެ އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވަނީ

ޑާކާ، ބަންގްލަދޭޝް (ޖޫން 6) - ޒަމާންތަކެއް ވަންދެން ބަންގްލަދޭޝްގައި ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ޝެއިހު ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި ހިންގަމުން އަންނަ ވެރިކަމުގެ އިންތިގާލީ މަރުހަލާ ނިމުމަކަށް ގެނައުމަށް އަންނަ އަހަރުގެ އެޕްރީލް މަހު އިންތިހާބު ބާއްވާނެކަން ވަގުތީ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ޔޫނުސް އިއުލާން ކުރައްވައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ބަންގްލަދޭޝްގައި ހިނގަމުން އަންނަނީ ވަގުތީ ސަރުކާރެކެވެ. އެ ސަރުކާރު ހިންގެވުމާ އިސްކޮށް ހަވާލުވެ ހުންނެވީ ނޮބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ ޔޫނުސް އެވެ. ބައެއް ފަރާތްތަކުން އަންނަނީ އިންތިހާބު އަވަސް ކުރުމަށް ޔޫނުސްގެ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
އަންނަ އަހަރުގެ އިންތިހާބުގައި ހަސީނާ އަވާމީ ލީގު ޕާޓިއަށް ވާދައެއް ނުކުރެވޭނެ އެވެ. ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބަލައި އެ ޕާޓީގެ ހަރަކާތްތައް ވަނީ އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން މަނާކޮށްފަ އެވެ. ނަމަވެސް، ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ޕާޓީ، ބަންގްލަދޭޝް ނޭޝަނަލް ޕާޓީން ވާދަކުރާނެ އެވެ.
އެއްވެސް ސިޔާސީ ޕާޓީއެއްގައި މިވަގުތު ހަރަކާތްތެރި ނުވާ ޔޫނުސް ވިދާޅުވި ގޮތުގައި އިންތިހާބުގައި އޭނާ ވާދައެއް ނުކުރައްވާނެ އެވެ.
އިންތިހާބާ ގުޅޭ އިތުރު މައުލޫމާތު އިލެކްޝަން ކޮމިޝަނުން ހާމަކުރާނެ ކަމަށް ޔޫނުސް ވަނީ ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި އެ އިންތިހާބުގައި ކާމިޔާބު ކުރާނީ ޒުވާނުން އިސްކޮށް ހަރަކާތްތެރިވާ ސިޔާސީ ޕާޓީއަކުންނެވެ.
ހަސީނާގެ ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި 1،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އޭނާގެ ސަރުކާރާއި ޕާޓީއަށް ނިސްބަތްވާ މީހުން އިންސާނިއްޔާތާ ދެކޮޅު އެތައް ޖަރީމާއެއް ހިންގާފައިވާ ކަމަށް އދ. ގެ ކޮމިޝަނަކުން ވަނީ ބުނެފަ އެވެ. ބަންގްލަދޭޝްގައި 173 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ