އިޓަލީވިލާތާ ދެކޮޅަށް ނޯވޭއަށް ފަސޭހަ މޮޅެއް
މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގައި ކުޅެމުންދާ ކޮލިފައިން ގްރޫޕް އައިގައި ނޯވޭ އާއި އިޓަލީވިލާތް ބައްދަލުކުރި މެޗު ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. ނޯވޭގައި ކުޅުނު މިމެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ތިން ލަނޑު ސުން ލަނޑުންނެވެ. ނޭޝަންސް ލީގުގެ ފަހު ބައިގައި ވާދަކުރަމުން ދިއުމާއެކު މިމެޗުވީ އިޓަލީވިލާތުން ވާލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗަށެވެ. މިއީ ނޯވޭއިން ކުޅުނު ތިިންވަނަ މެޗެވެ. މިމެޗުގައި އިޓަލީވިލާތުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ނޯވޭއިންނެވެ. އަދި މިމެޗުގެ ފުރަތަމަ ހާފުގައި ނޯވޭއިން ވަނީ މޮޅު ކުޅުމެއް ދައްކައި އިޓަލީވިލާތް ސިއްސުވާލައިފައެވެ. މިމެޗުގައި ނޯވޭއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި އެންޓޯނިއޯ ނޫސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށް މެޗުގެ ލީޑު އެޓީމަށް ނަގައިދިނީ އެލެގްޒެންޑާ ސޯލޮތުއެވެ. މިމެޗުގައި ނޯވޭގެ ދެވަަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނޫސާއެވެ. އަދި ފަހު ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ އާލިން ހާލަންޑްއެވެ. މިލަނޑު ހާލަންޑް ޖަހާފައިވަނީ އިޓަލީވިލާތުގެ ކީޕަރު އަދި ކެޕްޓަން ޖިއާންލުއިޖީ ޑޮނަރޫމާވެސް ކަޓުވާލުމަށްފަހުއެވެ. މިހާފުގައި ނޯވޭގެ ހަމަލާތައް ހުއްޓުވުމަށް އިޓަލީވިލާތަށް މާބޮޑު ކަމެއް ކުރެވުނު ތަނެއް ނުފެނުނެވެ. މިމެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. މިކާމިޔާބީއާއެކު ނޯވޭ އުޅެނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގްރޫޕް އައިގެ އެއްވަނައިގައެވެ. އަދި އެންމެ ފަހުން ކުޅުނު ދެ ވާލްޑް ކަޕުންވެސް ޖާގަ ހޯދިފައިނުވާ އިޓަލީވިލާތް އުޅެނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެ ފަސް ޓީމު ހިމެނޭ މިގްރޫޕްގެ ހަތަރު ވަނައިގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އިޓަލީވިލާތުގެ ކޯޗު ލޫސިއާނޯ ސްޕެލޭޓީ ބުނިގޮތުގައި ބައެއް ކަންތައްތައް ޓީމުގައި ރަނގަޅު ކުރަން ޖެހޭ ކަމަށާއި މިމެޗުގައި ދެވުނު ގޮތަށް އެހާ ފަސޭހަ ކަމާއެކު ލަނޑު ޖަހާނެ ފުރުސަތު ދެވިގެންނުވާނެ ކަމަށެވެ. އިޓަލީވިލާތުގެ ކެޕްޓަން ޑޮނަރޫމާ ބުނީ މިއީ ގަބޫލް ކުރެވޭނެ ނަތީޖާއެއް ނޫންކަމަށާއި އިތަލީވިލާތުގެ ސަޕޯޓަރުންނަށް މިނަތީޖާ ހައްގު ނޫން ކަމަށެވެ. އިޓަލީވިލާތް ކުޅޭ ދެވަނަ މެޗުގައި މިއަންނަ ހޯމަދުވަހު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕްގެ އެންމެ ފުލުގައި އުޅޭ މޮލްޑޯވާ އާއެވެ. މިގްރޫޕްގައި ތާވަލްގެ ދެވަނައިގައި އުޅޭ އިސްރާއީލް އާއި ތިންވަނައިގައި އުޅޭ އެސްޓޯނިއާ ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ އިސްރާއީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ