އާމްދަނީ ލިބޭ ބިލްތައް ފާސް ނުވާ ނަމަ މުވައްޒިފުންގެ މުސާރަ ކުޑަކުރަންޖެހިދާނެ: މިނިސްޓަރު

ދައުލަތަށް އާމްމުދަނީ ހޯދުމުގެ އިތުރު ގޮތްތައް ކަނޑައެޅުމަށް އެދި ސަރުކާރުން މަޖިލީހަށް ހުށައަޅަފައިވާ ބިލްތައް ފާސްނުވާ ނަމަ މި އަހަރުގެ މެދެއް ހިސާބުން ބޮޑެތި ދަތިތަކަކާ ދައުލަތް ކުރިމަތިލާންޖެހި މުއައްޒިފުންގެ މުސާރަ ވެސް ކުޑަކުރަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަސައްކަތް ކުރުމަށް ފާސްކޮށްފައިވާ 1.8 ބިލިއަން ރުފިޔާ އިން 650 މިލިއަން ރުފިޔާ ދައުލަތުގެ އިދާރީ މަސައްކަތް ކުރުމަށް ހިމެނުމަށާއި ތަރައްގީގެ މަސައްކަތްތައް މަޑުޖައްސާލުމަށް ފާސްކުރުމަށް އެދި ރައްޔިތުން މަޖިލީހަށް ފިނޭންސް މިނިސްޓްރީ އިން ހުށައެޅުމާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ހާޒިރުކޮށް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޖިހާދު ވިދާޅުވީ ދައުލަތަށް އިތުރު އާމްމުދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ބިލްތައް ފާސްކުރުމަށް އެދޭ ކަމަށާއި އެ ބިލްތައް ފާސް ނުވާ ނަމަ ދައުލަތަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެ މުއައްޒިފުންގެ މުސާރަ ކުޑަކުރަން ވެސް ޖެހިދާނެ ކަމަށެވެ.
"ރެވެނިއު މެޝާ މިހާރު އޮތް ގޮތުން އަޅުގަނޑުމެން ލަފާކޮށްފައި އޮތީ ހާފް އިޔާގަ އާމްދަނީ ލިބިގެން އަންނާނެކަމަށް. ހާފް އިޔާގައި އާމްމުދަނީ ނުލިބިޖެއްޖެ ކަމުގައި ވެއްޖިއްޔާ އަނެއްކާ ވެސް އިތުރު ތާށިކަމެއްގެ ތެރެއަށް އަންނާނީ. އެހެންވީމާ އަޅުގަނޑުގެ ރިކުއެސްޓަކީ އަހަރުގެ މެދެއްހާ ހިސާބުގައި އަޅުގަނޑު މިހާރު ހުށައަޅާފައި ހުރި އާމްމުދަނީ އިތުރުކުރުމުގެ ބިލްތަކަށް ކޮންމެވެސް ވަރެއް މަޖިލީހުން ފާސްކޮށްދެއްވާނެ ކަމަށް. ނުދެއްވައިފި ނަމަ އަޅުގަނޑުމެން އަނެއްކާ ވެސް އިތުރު ކޮންޓުރޯލްތަކެއް ނެރެންޖެހޭނީ. އެއީ ވަކި ހިސާބަކުން މުއައްޒިފުންގެ މުސާރަ ވެސް ކުޑަކުރަންޖެހިދާނެ."ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ތަރައްގީގެ މަސައްކަތްތައް ހުއްޓާލުން ނޫން ކަމާއި ސަރުކާރުގެ ވިސްނުމަކީ ކޭޝްފުލޯ ހަމަޖެހެންދެން އެ މަސައްކަތްތައް މަޑުޖައްސާލުމަށް ކަމަށެވެ. އަދި މިއަދު ދައުލަތުގެ ބައެއް މުއައްސަސާތަކާ ކައުންސިލްތަކުގެ ބިލްތައް ނުދެއްކި ހުރި އިރު ބަޖެޓުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަގާމްތަކަށް މުއައްޒިފުން އިތުރުކުރާ މިންވަރާއި ސަރުކާރުގެ މުއައްސަސާތަކުގެ ހަރަދުތައް މިހާރު ވެސް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރައްވައިގެން ކުރިއަށްގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމެޓިގެ މެމްބަރުންގެ ސުވާލުތަކުގައި ބަޖެޓުގެ ދަތިކަން އެހާ ބޮޑުވެފައިވާ އިރު ރައީސުލްޖުމްހޫރިއްޔާ ގިނަ ދަތުރުތަކެއް ކުރައްވާ ކަމަށާއި ސިފައިންނާއި ފުލުހުންގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަމުންދާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ސަރުކާރުން މުއައްޒިފުން އިތުރުކުރާ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ފުލުހުންނާއި ސިފައިން ކުރަމުންދާ ހަރަދުތަކަކީ އެ މުއައްސަސާތަކުގެ ބަޖެޓުން ކުރަމުންދާ ހަރަދުތަކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދަތުރުތައް ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތަށް ބުރަބޮޑުވެފައިވާ މައްސަލާގައި މިނިސްޓަރު ޖިހާދު ވިދާޅުވީ ކައުންސިލަރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދަދު މަދުކޮށް އެ ގާނޫނުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ. އަދި ބަޖެޓުގެ ތާށިކަން ހައްލުކޮށްދިނުމަށް އެހީއެއް ނުލިބޭތޯ މެމްބަރަކު ސުވާލުރުމުން މިނިސްޓަރު ޖިހާދު ވިދާޅުވީ އެކަމަށް ހިލޭ އެހީއެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ގިނަ ގައުމުތަކުން ބޮންޑު ގަތުމަށް ޝައުގުވެރިކަން ފާޅުކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި އަހަރުގެ ބަޖެޓުގެ ޑެފެސިޓް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 15.3 ބިލިއަން ރުފިޔާ އަށް ކުޑަކޮށް މަޖިލީހުން ފާސްކޮށްފައިވާ އިރު އޭގެތެރެ އިން ތަރައްގީގެ މަސައްކަތް ކުރުމަށް ހިމަނާފައިވާ 1.8 ބިލިއަން ރުފިޔާގެ ތެރެއިން 650 މިލިއަން ރުފިޔާ އިދާރީ ހަރަދުތައް ކުރުމަށް ހިމެނުމަށް މިހާރު ސަރުކާރުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ