ކޯޓު އަމުރެއް ނެތި އިންތިހާބުގެ މައްސަލައެއް ފުލުހުންނަށް ނުބެލޭނެ: އަބްދުﷲ ރިޔާޒް

މިއަހަރު ބޭއްވުނު ރިޔާސީ އިންތިހާބާއި ބެހޭ އެއްވެސް މައްސަލައެއް ކޯޓު އަމުރެއް ނެތި ފުލުހުންނަށް ނުބެލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުވެސް ފުރައްވާފައިވާ އަބްދުﷲ ރިޔާޒް އެހެން ވިދާޅުވެފައި މިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބާއި ގުޅުންހުރި މައްސަލަތަކެއް ފުލުހަށް ހުށަހެޅުމަށް ޕީޕީއެމުން ނިންމާ އެކަން ހާމަކޮށްފައި ވަނިކޮށެވެ.
އަބްދުﷲ ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ ނުފޫޒު ފުލުހުންނަށް ފޯރުވުން ހުއްޓާލުމަށް އިލްތިމާސްކުރައްވާފައެވެ.
ރިޔާސީ އިންތިހާބު ބާތިލުކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށަހެޅުއްވުމުން، އިންތިހާބު ބާތިލު ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހުތިރާމު ކުރާ ކަމަށާއި، ހުކުމުގައިވާ ގޮތުގެ މަތިން އިންތިހާބު ތެރޭގައި ފާހަގަ ކުރެވުނު މައްސަލަތައް ބެލުމަށް ޕީޕީއެމުން ފުލުހަށް ހުށަހަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ