އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ލަމްއާން އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެކްސެކެޓިވް އޮފިސާ (ޑެޕިއުޓީ ސީއީއޯ) ގެ މަގާމަށް މުހައްމަދު ލަމްއާން އައްޔަން ކޮށްފިއެވެ.
ލަމްއާން އެ މަގާމަށް އައްޔަން ކޮށްފައި މި ވަނީ މިއަދު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެކްޒެކެޓިވް މެންބަރަކަށް އައްޔަން ކޮށްފައިވާ ކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކޮށްފައި ވަނިކޮށެވެ. ލަމްއާން އމެްޕީއެލް ބޯޑަށް އައްޔަން ކޮށްފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކުރުމަށް ފަހުއެވެ.
މީގެ ކުރިން ލަމްއާން ހުންނެވީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައެވެ. ފެބްރުއަރީ 1، 2024 ގައި އެ މަގާމަށް އައްޔަން ކުރި ލަމްއާން ވަނީ އެ މާގަމުން މިއަދު އިސްތިއުފާ ދެއްވާފައެވެ. ލަމްއާން އިސްތިއުފާ ދެއްވުމާއެކު އެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.
ލަމްއާން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމުގައި ހުރި ޒިޔަތު އެ މަގާމުން ވަކި ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. އޭނާ މަގާމުން ވަިކޮށްފަިއ މިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރުއްވަމުންދާ ފަރާތްތަކުގެ ޕާފޯމަންސަށް ބަލައި މީހުން ވަކި ކުރަން ފަށާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ