އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ގަފޫރު އެދިވަޑައިގެންފި

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން، އެ މަގާމުގައި މިވަގުތު ހުންނެވި ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ މިއަދު ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - އެތެރޭގެ ހަމަނުޖެހުންތަކާއި އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާ ހެދި މަގާމުގައި ދެމިހުރުމަށް އުނދަގޫވެފައިވާ ކަމަށް ވިދާޅުވެ، ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުން ވަގުތީ ޗެއާޕާސަނަކަށް ގަފޫރު އައްޔަންކުރިތާ މިހާރު ވަނީ ފަސް މަސް ވެފަ އެވެ. 
ޗެއާޕާސަންކަމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބު އޮތީ އަންނަ 12 ޖޫންގަ އެވެ. އެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެހެންވެ، ދެ ފެކްޝަނަކަށް ބެހިފައި އޮތް އެމްޑީޕީގެ ތެރޭގައި މި އިންތިހާބުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
ތަފްސީލް - ޗެއާޕާސަން އިންތިހާބުގެ އިތުރުން ދާއިރާތަކުގެ އިންތިހާބު ވެސް ފަސްކުރުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު އެދިވަޑައިގެންނެވީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގޫރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.
އެ މެސެޖުގައި ވާގޮތުން އިންތިހާބު ފަސްކުރަން ބޭނުންވަނީ:
މި ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ
މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުން
"ވީމާ އަޅުގަނޑު މި ހުށަހަޅަނީ ޕާޓީ ހިންގުމަށްޓަކައި އިސް ފަރާތްތައް ވާހަކަދައްކައި، އިންޓަރިމް އެރޭޖްމަންޓެއް (އަޅުގަނޑު ނުހިމަނާ) ދިއުމަށެވެ. އަދި އެކަން ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކުރުމަށެވެ،" ގަފޫރު ފޮނުއްވި މެސެޖުގައިވެ އެވެ.
އެނގުން މުހިންމު - މި އިންތިހާބާ ދިމާކޮށް، ޕާޓީގެ ތެރޭގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ގަފޫރު އެ މަގާމުގައިި ބަހައްޓާކަށް ބައެއް މެމްބަރުން ބޭނުމެއްނުވެ އެވެ. އެ މަގާމުން އޭނާ ވަކިކުރުމަށް މި ދޭތެރެއިން 55 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި ވެސް މެ އެވެ. އެކަމަކު ލީޑާޝިޕުގެ ތެެެރޭގައި ވާހަކަދައްކައިގެން އެ މައްސަލަ ފަހުން ހައްލުކުރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ