ގައުމީ މަޖިލިސް ގަބޫލުނަމަ، ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން ތައްޔާރު: ނަޝީދު

އެމްޑީޕީގެ ގައުމީ މަޖިލިސް ގަބޫލުނަމަ، ޕާޓީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީން ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ބާއްވަން ނިންމާފައި ވަނީ ޖޫން މަހުގެ 12 ގައެވެ. ނަމަވެސް ސަރުކާރުން ދޭން ޖެހޭ ފައިސާ އަދި ލިބިފައި ނެތުމާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މިވަގުތު ހުރަސްއެޅޭ ކަމަށް ބުނެ، އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިރޭ ވަނީ ހުށަހަޅުއްވައިފިއެވެ. https://sun.mv/221389 އެއާއެކު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވަނީ މިވަގުތު ޕާޓީ ހިންގުމަށް ނަގާފައިވާ އިސް ލީޑަރުންނާއި ގައުމީ މަޖިލީހުން އެދޭ ކަމަށް ވާނަމަ، ރިޔާސީ ޕްރައިމަރީއާ ހަމައަށް ޕާޓީގެ ވަގުތީ ޗެއާޕާސަން ކަމާ ބޭފުޅަކު ހަވާލުވެވަޑައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެ ޚިޔާލަށް ތާއީދުކުރައްވާ އެ ގްރޫޕުގައި ރައީސް ނަޝީދު ވަނީ ގައުމީ މަޖިލީހުން ގަބޫލުވާނަމަ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. "ޖީއެމް ގަބޫލުނަމަ، ވަގުތީ ޗެއާކަން ކުރުމަށް އަޅުގަނޑުގެ އިއުތިރާޒެއް ނެތް،" ނަޝީދު ވިދާޅުވިއެވެ. ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި ނަޝީދެވެ. މީގެ ކުރިން އެ މަގާމަށް ވާދަކުރައްވާނެކަން ހަމަކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ވާދަނުކުރައްވާނެކަން ހާމަކުރައްވައިފައެވެ. ޗެއާޕާސަންގެ އިންތިޚާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ބޮޑުވެފައިވާއިރު ނަޝީދުގެ ފެކްޝަނުން ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ. އެގޮތުން، ނަޝީދަށް ތާއިދުކުރައްވައި އެ މަނިކުފާނާ އެކުގައި ހުންނެވިކަން ކުރީގެ އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އިއުލާނުކުރައްވައިފައެވެ. "ބޮޑު ބަދަލު" މި ނަމުގައި ނަޝީދާއި ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ބޭފުޅުން ތަފުސީލާ އެކު، ހުށަހެޅުއްވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނައުމަށް ހުށަހަޅާ ބޮޑެތި ބަދަލުތަކެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމެވެ. ނަޝީދާ ވާދަކުރައްވާ މީކާއީލް ވެސް ދަނީ "އިތުބާރު"ގެ ނަމުގައި ކެމްޕެއިން ލޯންޗުކޮށް، ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. މަޖިލީހުގެ ޕީޖީ މެންބަރުން ވަނީ މީކާއީލަށް ތާއީދުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ