ނެއްލައިދޫން ކަރަންޓް ކެނޑޭތީ ރައްޔިތުން ނުކުމެ މުޒާހަރާ ކުރަންފަށައިފި

ހދ. ނެއްލައިދޫން ކަރަންޓް ކަނޑައިގެންދާ މައްސަލަ އަށް ހައްލެއް ނުލިބޭތީ ރައްޔިތުންގެ ބަޔަކު ނުކުމެ މުޒާހަރާ ކުރަންފަށައިފި އެވެ.
ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަލީ މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ރޯދަ މަހުން ފެށިގެން ތަކުރާރުކޮށް ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރައްޔިތުން މިއަދު ނުކުމެ މުޒާހަރާކުރަން ފެށީ ރޭ ދަންވަރު 3:00 އެހާކަންހާއިރުން ފެށިގެން ހެނދުނުވީ އިރު ވެސް ކަރަންޓް ނުލިބުމުން ކަމަށެވެ.
"ރައްޔިތުން ވަރަށް ކެތްކޮށްފި. ތަކުރާރުކޮށް ކަރަންޓް އެބަ ކެނޑޭ. ރޭ ކަރަންޓް ގޮސް އިރުކޮޅަކަށް ލިބިފައި ކަރަންޓް ދިޔަ ގޮތަށް އަދި ވެސް ކަރަންޓް ނުލިބޭ،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 1200 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށުގައި ކަރަންޓް ދިނުމަށް ބޭނުން ކުރަނީ 80 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ކަމަށާއި އެ ޖަނަރޭޓަރު ލޯޑު ބޮޑުވެގެން ކޮންމެ ފަހަރަކު ވެސް ކަރަންޓް ކަނޑާލަން ޖެހެނީ ކަމަށެވެ. އަދި މިއީ އީދު ދުވަސްކޮޅަށް ވާތީ ރަށް އޮތީ މީހުން އަރައި ފުރިފައި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގެ އަށް އާ އިންޖީނެއް ލިބޭނެ ކަން ކަށަވަރު ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އިންޖީނެއް ނެއްލައިދޫ އަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ