ރިޔާސީ އިންތިޚާބުގައި ރައްޔިތުން ސާފުކޮށް، އަޑު އިއްވައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ އޭނާ އާއި އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދަނިކޮށް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން އަދި ފަހުން ވެސް އައި ހުރިހާ ފާޑުކިއުންތަކަށް ސާބިތުކަމާ އެކު ކުރިމަތި ލެއްވި ކަމަށެވެ.
" އޭރު ވެސް އަދި މިހާރު ވެސް ހުންނެވީ އިންސާފުގެ މަގުގައި. ޑިމޮކްރަސީއެއްގައި އިންތިޚާބުތަކަކީ ރައްޔިތުންގެ އަޑު. އެ އަޑު ވަރަށް ސާފުކޮށް އިއްވައިފި " ޝަރީފު ވިދާޅުވި އެވެ.
އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.
ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.
ލީކްވެފައިވާ އޯޑިއޯ އާއި ގުޅިގެން އުފެދޭ ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީ ވުމަށް ރައީސް ޔާމީން ވެސް ވަނީ ރޭ ގޮވާލައްވާފައެވެ. އަދި ސުވާލުތަކުގެ ޖަވާބު ލިބެންދެން ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
އިންތިޚާބުގައި ރައްޔިތުން ސާފުކޮށް އަޑު އިއްވައިފި - ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ