އަޅުގަނޑުމެން ރައްޔިތުން ފޮނުވީމަ މަޖިލީހަށް ނުދަނީކީ ނޫން - ރޮޒައިނާ

ރައްޔިތުންގެ މަޖިލީހަށް ރައްޔަތުން ވޯޓުލއިގެން އިންތިޚާބު ކުރީމާ މަޖިލީހަށް ނުދަނީ ނޫންކަމަށާއި ރައްޔިތުން މަޖިލިސް ފެށޭގަނޑީގައި އެތާން ތިއްބަވާކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިއްޔެ ރޭ ސަންގު ޓީވީގެ ޚަބަރަށްފަހު ޕޮރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލިސް ކުރާ މާލަމަށް އިދިކޮޅު ފަރާތްތަކުން ނުވަންނަ ސަބަބު ތަކެއް އެބަހުރި ކަމަށެވެ.
" އަޅުގަނޑުމެން ރައްޔަތުން ފޮނުވީމަ މަޖިލީހަށް ނުދަނީކީއެއް ނޫން. އަޅުގަނޑުމެން މަޖިލިސް ފެށޭގަނޑީގަ އެތާ ތިބެން. އެހެންނަމަވެސް އަޅުގަނޑުމެން މަޖިލިސް ކުރާ މާލަމަށް ނުވަންނަ އެއްސަބަބަކީ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވި ބޭފުޅާއަކީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވޭނެ ބޭފުޅެއް ކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. " ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ 45 މެންބަރުން ސޮއިކޮށް ނޯކޮންފިޑެސް މޯޝަންއެއް ލާފައިވާކަމަށާއި އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ އިތުބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ނެތްކަމަށެވެ. މިހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި ޙައްޤެއް މަސީހްއަށް ލިބިވަޑައެއް ނުގަންނަވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ދެ ވަނަ "ކޮންޕްލައިން"އެއްގެ ގޮތުގައި ރޮޒައިނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަންޖެހޭ ޤާނޫނުތައް ފާސްކުރުމަށްޓަކައި ކޯރަމް ހަމަކޮށްދޭ "ޕޕެޓް" ތަކެއްހެން  ސަރުކާރުގެ ބޭފުޅުން ގެންގުޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އެބޭފުޅުން ނުގެންގުޅުއްވޭނެކަމަށެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ލިބުނު މެޖޯރިޓީ ނައްތާލާ 12 މެންބަރުން މަޖިލީހަށް ނުވެއްދޭގޮތް ހެދުމަށްފަހުވެސް ޕީޕީއެމްގެ ބޭފުޅުން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތަކުންގޮސް ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ސަރުކާރުން ނިންމާ ނިންމުންތަކަށް ވޯޓުލާން ކޯރަމް ހަމަކޮށްދޭން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުންދަނީ ރައްޔިތުންގެ މަޖިލިސް ހިންގަވަމުންދަނީ ޤާނޫނާ ޚިލާފަށްކަމަށްބުނެ، މަޖިލިސް ޖަލްސާތަށް ބޮއެކަޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތަށް ބައިވެރި ނުވުމުގެ ސަބަބުން ރައްޔިތުންގެ ފައިދާއަށް ހުރި ގިނަ ބިލްތަކެއްގެ މަސައްކަތް މަޑުޖެހިފައިވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ