މިއޮތް ސަރުކާރާ، ކޮމިޝަން އޮވެގެން މިނިވަން އިންތިހާބެއް ނުބޭއްވޭނެ: މައުމޫން

މިހާރު މިއޮތް ސަރުކާރާ އިލެކްޝަންސް ކޮމިޝަން އޮވެގެން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ އިދިކޮޅު ހަރަކާތްތަކުގެ ސަބަބުން ސަރުކާރު ސައިޒުވަމުންދާ ކަމަށެވެ. ނަމަވެސް އިންތިހާބަކަށް ދިއުމުގެ ކުރިން އަދި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"އެ އިސްލާހުތައް ގެނެސްފައި ނޫނީ ދެން ރިޔާސީ އިންތިހާބެއްގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް. މިހާރު މިއޮތް ގޮތަށް ކަންތައްތައް އޮވެގެން. މިހާރު މިއޮތް ސަރުކާރު އޮވެގެން. މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން ކިހިނެއްތޯ ރިޔާސީ އިންތިހާބު ބާއްވާނީ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރު އޮތީ އިދިކޮޅު ފަރާތްތަކުގައި ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ސިފައިން މަޖިލީހަށް ވައްދައިގެން މެންބަރުން ހައްޔަރުކޮށް ދައުވާ ކުރަމުންދަނީ އެކަން އެނގޭތީ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުންގެ ގޮނޑިތަކެއް ގެއްލިފައިވާ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެ ގޮނޑިތައް ނުގެއްލޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އިންތިހާބަކަށް ދިއުމުގެ ކުރިން އިންތިހާބެއް އޮންނާނެތޯއާއި އިންތިހާބު އިންސާފުވެރިވާނެކަން ޔަގީންވާން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް އިންތިހާބަކަށް ގޮސްފިނަމަ ވަގުތާ ފައިސާތަކެއް ބޭކާރުވުން ނޫން ކަމެއް ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބެއް އޮތިއްޔޯ އެ އިންތިހާބުގެ ނަތީޖާއަށްވާނީ ކިހިނެއްތޯ؟ އެވެސް ނޭނގޭ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ވަކި ފަރާތަކުން އަންގާ ގޮތަކަށް ހުރިހާ މުއައްސަސާތަކުން އަމަލު ކުރަމުންދާތަން. އެއްވެސް މުއައްސަސާއަކަށް މިނިވަން ކަމެއް ނެތް. އެ މުއައްސަސާއަކީ ކޯޓަކަށް ވިޔަސް ނުވަތަ ކޮމިޝަނަކަށް ވިޔަސް ހަމަ ވަކިފަރާތަކުން އަންގާ ގޮތަކަށް އެހެން ބުނެފަ ނިންމަނީ،" ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ