މާފަށް އެދޭކަށް ނުޖެހޭ، ބައްދަލުވުމަށް މައުމޫން ދެކޮޅު ހައްދަވައިފި ނަމަ އެއް ކަމެއް ސާފުވާނެ: ނިހާން

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ދެން ބާއްވާނީ މިދިޔަ ޖުލައި މަހު ބޭއްވި ބައްދަލުވުމުން ނިކުމެވަޑައިގަތް މެމްބަރުން މާފަށް އެދިވަޑައިގަތުމުން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވީ ނަމަވެސް މާފަށް އެދެން ޖެހޭ ވަރުގެ އެއްވެސް ކަމެއް މެމްބަރުން ކުރައްވާފައި ނުވާ ކަމަށް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެމްބަރުން، ރައީސް އަބްދުﷲ ޔާމީނާ އެކު މުލިއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނިހާން ވަނީ ނުސީދާކޮށް މައުމޫނަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފަ އެވެ. ޕީޕީއެމަކީ ހަމައެކަނި މައުމޫންގެ އެއްޗެއް ނޫން ކަމަށާއި ޕާޓީގެ މައްސަލަތައް ހައްލުކުރަން މައުމޫން ދޫދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދެއްކެވި އެވެ.
ސިޔާސީ ޕާޓީތަކާއި ސަރުކާރާ އެކު ބާއްވާ މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލްކުރައްވާނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ކަމަށް ނިންމަވައި މައުމޫން ނަން ފޮނުއްވީ، ނިހާން ވިދާޅުވި ގޮތުގައި، ޕާޓީގެ ގަވާއިދުތަކާއި އުސޫލްތަކާ ހިލާފަށެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުން ވެސް ކުރިއަށް ނުގެންދެވުނީ ފާރިސް ބައިވެރިވެވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އިސްލާހީ އެޖެންޑާ އިއުލާންކުރައްވަން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
ނިހާން ވިދާޅުވީ ކައުންސިލް ބައްދަލުވުމުގައި، އެ ޕާޓީން ވަކިކޮށްފައިވާ ފާރިސް އާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާ ތިއްބެވި ކަން މައްސަލައެއްގެ ގޮތުގައި ނެންގެވީ އޭނާ އެވެ. އެ މައްސަލަ ނެންގެވީ، މައުމޫން ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވިދާޅުވުމުގެ ފުރުސަތު ދެއްވުމަށް ފަހު ވަރަށް އިހްތިރާމާ އެކު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"[ފާރިސް އާއި ނާދިރާ ބައްދަލުވުމުގައި ތިއްބެވި] އެ މައްސަލާގައި އަޅުގަނޑުމެން ނިކުމެގެން ދިޔައީ މައުމޫންގެ އަރިހުން އިޒުނަ ވެސް ހޯދައިގެން. އެ މަނިކުފާނަށް އިހްތިރާމް ކުރުމުގެ ގޮތުން ނިކުތް ނުކުތުމަކަށް މާފަށް އެދެން ޖެހޭނެ ސަބަބެއް އޮތްހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ޕީޕީއެމް ތެރޭގައި ފެކްޝަންތަކެއް އޮތް ކަމަކަށް ވާހަކަ ދެއްކިއަސް ޕާލަމެންޓްރީ ގްރޫޕުން އެކަން ގަބޫލުނުކުރާ ކަމަށެވެ. އެކަމަކު ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމަށާއި އެ ކަންކަމަށް ހައްލު ހޯދަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.
ޕީޕީއެމް އެތެރޭގެ މައްސަލަތައް ހައްލުކުރަން ޕާލަމެންޓްރީ ގްރޫޕުން އިސް ނަގާފައިވާއިރު، ރައީސް އަބްދުﷲ ޔާމީނާއި މައުމޫން ބައްދަލުކުރައްވަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ. މައުމޫން އެކަމަށް، ދެކޮޅު ހައްދަވައިފި ނަމަ، ޕާޓީގެ ބައެއް ކަންކަން އިސްލާހު ނުކުރައްވައި ދޫކޮށްލައްވަން މައުމޫން ބޭނުންފުޅުވާ ކަން ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ސާފުވެގެންދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
"ރައީސް މައުމޫނަކީ މި ގައުމުގެ 30، އަހަރުގެ ބާނީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ މިފަދަ ކަންކަމުގައި ކުރިއަށް ވަޑައިގަންނަވަންވީ ގޮތް،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލާގައި ވެސް، ނިހާން ވިދާޅުވި ގޮތުގައި، ހައްލު ނުލިބެންވީ ސަބަބެއް ނެތެވެ. މައްސަލަތަކާ އިށީނދެ ވާހަކަ ދެއްކުމުގެ ފުރުސަތު އޮތް އިރު އެގޮތް ގަބޫލުނުކުރުން އެއީ ކޮންމެވެސް އެއް ބަޔަކު ޑިމޮކްރަސީގެ ސިފަތަކާ ދުރު ކަން ވެސް އެނގޭނެ ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ރައީސް ޔާމީން ހުންނެވީ މައުމޫނާ ބައްދަލުކުރައްވަން ތައްޔާރަށް ކަމަށެވެ. އަދި ޕީޖީ ގުރޫޕުގެ ހުށަހެޅުން ރައީސް ޔާމީ ވަނީ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. ހަމަ އެގޮތަށް މައުމޫން ވެސް މި މަޝްވަރާއަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.
ފާރިސް، ޕީޕީއެމް ތަމްސީލްކުރުމާ ދެކޮޅު!
ރައީސް އަބްދުﷲ ޔާމީނާ އެކު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ނެންގެވި އެއް މައްސަލައަކީ ޕީޕީއެމް ތަމްސީލްކުރާ މުހިއްމު ބައްދަލުވުމެއްގައި، އެ ޕާޓީން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގަތުން ކަމަށް ނިހާން ވިދާޅުވި އެވެ. ސަރުކާރާއި ސިޔާސީ ޕާޓީތަކާ އެކު އޮންނަ މަޝްވަރާ އަށް އޭނާގެ ނަން، މައުމޫން ހުށަހަޅުއްވާފައިވީ ނަމަވެސް ޕީޖީ ގްރޫޕް މެމްބަރުން އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ނިހާން ވިދާޅުވި އެެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފާރިސް އަކީ އެ ޕާޓީގެ މެމްބަރެއް ނޫން ކަމަށް ނިހާން ތަކުރާރުކޮށް ވިދާޅުވި.---ފޮޓޯ: މަޖިލިސް
މަޝްވަރާ ކުރިއަށް ގެންދަނީ އދ.ގެ މަންދޫބާ އެކު ކަން ފާހަގަ ކުރައްވަމުން ނިހާން ވިދާޅުވީ އެފަދަ މުހިއްމު ބައްދަލުވުމެއްގައި "އާނބަސް ނުވަތަ ނޫން ބަސް" ވިދާޅުވެވޭނީ ޕާޓީގެ ކައުންސިލުން އެ ބާރު ދީފައި އޮތް ބޭފުޅަކަށް ކަމަށެވެ. ފާރިސް އަށް އެ ބާރު ކައުންސިލުން ދީފައި ނުވާއިރު، އޭނާ އަކީ މިހާރު ޕީޕީއެމް މެމްބަރެއް ނޫން ކަމަށް ވެސް ތަކުރާރުކޮށް ނިހާން ވިދާޅުވި އެވެ.
"ޕާޓީގެ ރައީސްގެ އެއްޗެއް ނޫން ޕާޓީއަކީ، ޕާޓީގެ މުސްތަޝާރުގެ އެއްޗެއް ނޫން ޕާޓީއަކީ. ޕާޓީ ކައުންސިލްގެ ވަކިވަކި މެމްބަރުންގެ އެއްޗެއް ނޫން ޕާޓީއަކީ. ...ކަންކަން ނިންމަން ޖެހޭނީ ޕާޓީގެ ކައުންސިލުން،" ނިހާން ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ހަމަތަކުން ބަލާއިރު ވެސް، ނިހާން ވިދާޅުވި ގޮތުގައި، މަޝްވަރާގެ މަންދޫބަކީ ޕާޓީގެ ކައުންސިލުން ރުހުން ދީފައިވާ މީހަކަށް ވާން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ