ވަށަފަރު އިންޖީނުގެ ހިންގުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ހއ. ވަށަފަރު އިންޖީނުގެ ހިންގުމަށް އަޕަ ނޯތު ޔުޓިލިޓީސް އިން ހަވާލުނުވުމުން، އެ ތަން އެހެން ބަޔަކާ ހަވާލުކޮށްފި އެވެ.
މިއީ ސަރުކާރުން ޔުޓިލިޓީސް ކުންފުނިތައް ހަދައި އިންޖީނުގެތައް ހިންގަން ފެށި ފަހުން އަމިއްލަ ބަޔަކާ މި ގޮތަށް ހަވާލުކުރި ފުރަތަމަ އިންޖީނުގެ އެވެ.
ޑީއާރްޕީގެ ފަސް މެމްބަރުން ހިމެނޭ ކައުންސިލްގެ ރައީސް އަބްދުﷲ ޒާހިރު މިއަދު ވިދާޅުވީ އެ ރަށު ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް، 10 އަހަރު ދުވަހަށް އިންޖީނުގެ ހަވާލުކޮށްފައިވަނީ މާސިއެލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ދެ ފަހަރަށް ބީލަން ހުޅުވާލުމުން ވެސް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ އެ ކުންފުނިން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް ބައި ލައްކަ ރުފިޔާގެ ދަރަންޏާ އެކު އިންޖީނުގެއާ އެ ކުންފުނިން ހަވާލުވީ ވެސް. އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެމެހެއްޓެނިވި ގޮތަކަށް މިހާރަށް ވުރެ އަގު ހެޔޮކޮށް ހިދުމަތް ފޯރުކޮށްދެވޭނެ،" ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ކުންފުންޏަކާ އެކު ޖޮއިންޓްވެންޗާ ހަދާފައިވާ މާސިއެލް ކުންފުނިން ރައްޔިތުންނަށް އަގު ހެޔޮކޮށް ކަރަންޓް ފޯރުކޮށްދިނުމަށް އެއްބަސްވުމާ ގުޅިގެން އެ މީހުންގެ އިންވެސްޓްމަންޓް ކުރިއެރުވުމަށް އެ ރަށުން 15،000 އަކަފޫޓުގެ ބިމެއް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އޭގެ އިތުރުން ފެނާއި ގޭހުގެ ހިދުމަތްތައް އެ ރަށުގައި ދިނުމަށް ހަވާލުކޮށްފައިވަނީ ވެސް ހަކަތައިގެ މަސައްކަތްކުރާ އެ ކުންފުންޏަށް ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
މާސިއެލް ކުންފުނިން މިއަދު ބުނީ އެ ކުންފުނިން ހަވާލުވުމާ އެކު، މިހާރު އެ ރަށުގައި ލައިން ފީގެ ގޮތުގައި ނަގާ 100 ރ. ވެސް އުނިކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ފެނާއި ގޭހުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އިންޖީނުގެ ހިންގާނީ އެ ތަނުގެ މިލްކުވެރިކަން ރައްޔިތުގެ އަތުގައި ބާއްވައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މާސިއެލް ކުންފުނިން ބުނީ ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ކަރަންޓާއި ބޯފެނާއި ކައްކާ ގޭހުގެ އިތުރުން ކުނި ނައްތާލުމުގެ ހިދުމަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ