މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އައްޑު އަތޮޅަށް އުފަން ޑރ. ހަސަން ސައީދަށް ރައްޔިތުން ވޯޓް ދީފައި ވަނީ ބަދަލަކަށް ރައްޔިތުން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިއްތިހާދުގެ ފަރާތުން ރޭ މަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ ރައްޔިތުން އޭނާ އަށް ވޯޓް ދެއްވީ ބަދަލަކަށް ބޭނުންވާތީ ކަމަށާއި އައްޑު އަތޮޅުގެ ރައްޔިތުން ވެސް އެކަން ވަރަށް ބޮޑަށް އިންތިހާބުގެ ފުރަތަމަ ބުރުގައި ހާމަކޮށްދީފައިވާ ކަމަށެވ. އަދި އޭނާ އަށް ވޯޓް ދިން ހުރިހާ ފަރާތްތަކަށް ޑރ. ހަސަން ވަނީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
"އަޅުގަނޑަށް ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން އަޅުގަނޑަށް ދިން ތާއީދަކީ ބަދަލަކަށް ދިން ތާއީދެއް. އެހެންނަމަވެސް ތަގުދީރު ނިޔާކުރި ގޮތުން މިފަހަރު އަޅުގަނޑަށް ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް،" އެމްޑީޕީ އިއްތިހާދަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޖަލްސާގައި ޑރ. ހަސަން ވިދާޅުވި އެވެ. "އެފުރުސަތު އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ. އެހެންނަމަވެސް މިހާރު ފުރުސަތު ލިބިފައި ވަނީ އިއްތިހާދުގެ ފަރާތުން ނަޝީދަށް (އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު). އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެބައޮތް ތިޔަލޮބުވެތި އަހުންނާއި އުހުތުންގެ ކިބައިން. އެއީ 28 ވަނަ ދުވަހު އޮންނަ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދަށް ތާއީދުކޮށް ދިނުން. އަދި އެ ތާއީދުކޮށްދޭ ދިނުމުގައި ހަމަ އަޅުގަނޑަށް ތާއީދުކޮށް ދެއްވި އުސޫލުން ނަޝީދަށް ތާއީދުކޮށް ދެއްވުމަށް އަޅުގަނޑު އެދެން. ސަބަބަކީ ރާއްޖެ އަށް ބަދަލެއް އެބަ ބޭނުންވޭ."
އޭނާ އިތުރަށް ވިދާޅުވީ ރާއްޖެ އަށް ބަދަލެއް ބޭނުންވާ ސަބަބުތައް ވަރަށް ގިނަ ކަމަށާއި އެހެންވެ މިފަހަރު މައުމޫން ހޮއްވަވައިފި ނަމަ އޭގެ މާނައަކީ މައުމޫން ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނަށް ކަމުދަނީ ކަމަށެވެ.
"ކޮންމެ އިންތިހާބެއްގައި ވެސް ވޯޓް ދެނީ ބަދަލަކަށް ނުވަތަ އޭރު އޮންނަ ހާލަތެއް ދަމަހައްޓަން. އެހެންވެ ދިވެހި ރައްޔިތުން 28 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ރައީސް މައުމޫނަށް ވޯޓް ދެއްވައިފި ނަމަ ތިޔަ ބޭފުޅުންނަށް ހަގީގަތުގައި އެ އިއުތިރާފު ވެވެނީ ރާއްޖެ މިހާރު އޮތް ހާލަތު އެންމެ ރަނގަޅޭ،" ޑރ. ހަސަން ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. "ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައި ވަނީ އެންމެ ރަނގަޅު ގޮތަށޭ. އެހެންވީމާ ތިމަންނަމެން ބޭނުމޭ މަސްތުވާތަކެތީގެ މައްސަލަ މިހާރު ފެތުރިފައި އޮތް ގޮތަށް ދަމަހައްޓަން. އެހެންވެ ރައީސް މައުމޫނަށް ވޯޓް ދެމޭ. ތިމަންނަމެން ހިތްހަމަޖެހެއޭ ވައްކަމާއި ފޭރުމާއި މާރާމާރީގެ ކަންތައްތައް ރާއްޖޭގައި ގޮސްފައިވާ ހާލަތު. އެހެންވެ އެހާލަތު ދެމެހެއްޓުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކޮށް ރައީސް މައުމޫނަށް އިތުރު ފަސް އަހަރުގެ ފުރުސަތު ދެމޭ. އެހެންވީމާ ރާއްޖެ މިހާރު އޮތް ހާލަތާ މެދު ހިތްހަމަޖެހޭތީ އިތުރު ދައުރަކަށް މައުމޫނަށް ފުރުސަތު ދެމޭ. އެކަމަކު ރާއްޖެ މިހާރު އޮތް ހާލަތާ މެދު ރާއްޖޭގެ އެއްވެސް ރައްޔިތަކު ހިތްހަމައެއް ނުޖެހޭ. އޭގެ މާނަކީ ރައްޔިތުން ދެން ވޯޓް ދޭން ޖެހޭނީ ބަދަލަކަށޭ. ބަދަލަކަށް ވޯޓް ދޭ އިރު މައުމޫނަކީ ބަދަލެއް ނޫން. ރައީސް މައުމޫނަކީ މިއަދު މައްސަލަތަކުގެ އަސްލު ސަބަބު. ބަދަލަކަށް ވޯޓް ދެންޏާ ދޭން ޖެހޭނީ ނަޝީދަށް."
ޑރ. ހަސަން އިތުރަށް ވިދާޅުވީ ނަޝީދަށް ވޯޓް ދީގެން ނޫނީ ރާއްޖޭގެ ހާލަތު ބަދަލު ކުރެވޭނެ އެއްވެސް ފުރުސަތެއް ދެން ނުލިބޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އައްޑު އަތޮޅުގެ ރައްޔިތުން ޑރ. ހަސަން ސައީދަށް ވޯޓް ދީފައި ވަނީ ވަތަނީ ރޫހެއްގައި ކަމަށް ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ޑރ. ހަސަނަށް ވޯޓް ދިން ހުރިހާ ރައްޔިތުން ވެސް އެމަނިކުފާނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފައިވާތީ އެކަމަށް ފާޑު ވިދާޅުވެ ޖަމީލް ވިދާޅުވީ މައުމޫން ރައްޔިތުން ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށެވެ.
"މައުމޫން ވިދާޅުވެފައި ވަނީ މިއަތޮޅުގެ ރައްޔިތުންނަކީ ވަރަށް ވިސްނުން ތޫނު ރައްޔިތަކަށް ވާތީވެ، ތިމަން މަނިކުފާނު ވެސް އުންމީދު ކުރަމޭ އެބޭފުޅުން ވަރަށް ވިސްނުންތެރިކަމާ އެކީގައި ޑރ. ހަސަން ސައީދަށް ދިން ވޯޓް ތިމަންނާ އަށް ދެއްވާނެ ކަމަށް. އެހެން ވިދާޅުވެފައި އެއާ އެކީގައި ވަރަށް އިހާނެތްތެރި އެހެން ބަހެއް ވެސް ވިދާޅުވި،" ޑރ. ޖަމީލް ވިދާޅުވި އެވެ. "ވިދާޅުވަނީ ތިމަން މަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ވިސްނުންތެރިކަމާ އެކު ދެއްވި ނަމަވެސް ދެއްވީ ވަރަށް ވަތަނީ ވޯޓެކޭ."
އެމްޑީޕީ އިއްތިހާދުން ރޭ ބޭއްވި ޖަލްސާގައި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް ސަލީމާއި ރައްޔިތުންގެ މަޖިލީހުގެ ސ. އަތޮޅު މެންބަރު މުހައްމަދު އަސްލަމުގެ އިތުރުން ވެސް އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ބައެއް ފަރާތްޔަކުން ވާހަކަ ދެއްކެވި އެވެ. އަދި އެބޭފުޅުންގެ ވާހަކައިގައި މައުމޫނުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ހުރިހާ ބޭފުޅުން ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެ އެވެ.
ރިޔާސީ އިންތިހާބު 2008: ރައްޔިތުން އަޅުގަނޑަށް ވޯޓް ދީފައި ވަނީ ބަދަލަކަށް ބޭނުންވާތީ: ޑރ. ހަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ