މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން އިއްވެވި ރިއާސީ ބަޔާނަކީ މިހާތަނަށް އިވިފައިނުވާހާ ފުރިހަމަ ރިއާސީ ބަޔާނެއް ކަމަށް ގިނަ މެންބަރުން ވިދާޅުވިއިރު އަނެއްބައި މެންބަރުން ވިދާޅުވީ އެ ބަޔާނުގައި ތަފުސީލު މަދު ކަމަށެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ، ރިއާސީ ބަޔާނަށް މަޖިލީހުން އަރުވާ ޖަވާބު އެކުލަވާލުމުގެ ބަހުސް ކަމަށް ވިޔަސް، އެ ބަޔާނަށް ތާއީދުކުރެއްވި މެންބަރުންގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ބިނާވެގެން ދިޔައީ، ކުރީގެ ސަރުކާރަށް ފާޑުކިޔުމުގެ މައްޗަށެވެ. އަދި އިދިކޮޅު ޕާޓީ ޑީއާރްޕީގެ މެންބަރުންގެ ވާހަކަތައް ބިނާކޮށްފައިވަނީ، ރައީސް ނަޝީދުގެ ސިޔާސަތުގައި ހުރި އުނި ކަންތަކުގެ މައްޗަށެވެ.
އިދިކޮޅު ގިނަ މެންބަރުން ވިދާޅުވީ ރައީސް ނަޝީދުގެ ރިއާސީ ބަޔާނުގައި ހާމަކުރައްވާފައިވާ މައްސަލަތަކަށް އެ ބަޔާނުގައި ދެއްވާފައިވާ ތަފްސީލުތައް ކުޑަކަމުން ކަން ބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ. އަދި އިގްތިސާދީ އިޖްތީމާއި މައްސަލަތައް ފާހަގަކުރެއްވި އިރު އެ ކަންކަން ހައްލުކުރުމަށް ސަރުކާރުން އަޅާނެ ފިޔަވަޅެއް ރިއާސީ ބަޔާނުގައި ހާމަކޮށްފައި ނުވާތީ ކަންބޮޑުވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މި ބަޔާނާ މެދު ފާޑުވިދާޅުވި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، އާންމު ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ޚިދުމަތްތަކެއް ހަމައެކަނި ވިޔަފާރީގެ އުސޫލުން ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެ ގޮތުން ސިއްހީ ޚިދުމަތާއި ތައުލީމާއި ދަތުރުފަތުރާއި ބަނދަރުތައް ތަރައްގީކޮށް ހިންގުން ވިޔަފާރީގެ އުސޫލަށް ބަދަލުކުރަން ރާވާފައިވާތީ ކަންބޮޑުވާ ކަމަށް ވެސް އެ މަންބަރު ވިދާޅުވި އެވެ.
އެއްޑޫ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ރިއާސީ ބަޔާނުގެ ނަމުގައި ރައީސް ނަޝީދު ހުށަހަޅުއްވާފައިވަނީ ކެމްޕޭންގައި ވެސް ދައްކަވާ ޒާތުގެ ވާހަކަތަކެއް ކަމަށެވެ.
"މި މަޖިލިސް އަށް ހުށަހަޅާންވާނީ އަދުގެ ގައުމުގެ އިގްތިސާދީ އިޖްތިމާއީ ސިޔާސީ ހާލަތްތައް ހުރި ގޮތާއި އެ ކަންކަން ހައްލުކުރުމަށް އެ މަނިކުފާނު އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅުތައް. މިއިން އެއްވެސް ކަމެއް ކުރައްވާފައެއް ނުވޭ. ހަމައެކަނި 30 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި ހިނގާފައިވާ ބައެއް ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވީ،" ޝަރީފް ވިދާޅުވި އެވެ.
ރ މެންބަރު އިބްރާހީމް ޝަހީދު ޒަކީ ވެސް ވިދާޅުވީ ރައީސް ނަޝީދުގެ ގިނަ ވާހަކަފުޅެކޭ އެއްފަދައިން ރިއާސީ ބަޔާނުގައި ވެސް ކެމްޕޭން ކުރުމުގެ ރަހަ ހިފާފައިވާ ކަމަށެވެ.
"ނިމިގެން ދިޔަ ސަރުކާރުން ކޮށްފައިވާ ކަންތައްތައް ގޯސްކޮށް ކޮށްފައިވާ ކަން އެ މަނިކުފާނު އަދިވެސް ރައްޔިތުންނަށް ސާބިތުކޮށްދޭން އުޅޭހެން ހީވޭ. އަދި އެ ސަރުކާރަށް އެއްވެސް ކަމެއް ރަނގަޅަށް ކުރެވިފައިވާ ކަން ގަބޫލުކުރައްވާފައި ވެސް އަދި އެކަން ވިދާޅުވެފައި ވެސް އަޅުގަނޑު ހިތާމަކުރަން،" ޝަހީދު ޒަކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީ 200 ރަށަށް ބެހިފައި އޮތްހާ ދުވަހަކު ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ ހިދުމަތްތައް އެކަށޭނަ ފެންވަރެއްގައި ނުދެވޭނެ ކަމަށާއި ގައުމަކަށް ލިބޭ އާމްދަނީ އެހާ ގިނަ ރަށްތަކަށް ބެހިގެން ދިއުމުން ކުރަންޖެހޭ ހޭދަ ބޮޑުވެ އިސްރާފު އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ ރާއްޖޭގެ އަތޮޅުތައް ހަތް ސަރަހައްދަކަށް ބަހާލައި ކޮންމެ ސަރަހައްދަކަށް ސްޓޭޓް މިނިސްޓަރެއް އައްޔަންކުރުމަކީ ރައްޔިތުންގެ ލޮލުގައި އެޅުވޭ އަނދުނެއް ކަމަށެވެ.
ތ. މެންބަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާ ބޮޑަށް ގޯސްވެފައިވަނީ ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށެވެ. ގައުމުގެ އާމްދަނީގައި ފަހަށް ރައްކާކުރެވިފައިވާ އެއްވެސް އެއްޗެއް ނެތް ކަމަށާއި މި ބޭންކުގައި ހުރި ނަމަ ހުރި ރިޒާވަކީ، މި ރާއްޖޭގައި ހުރި ބޭރުގެ ވިޔަފާރި ބޭންކުތަކުން ބަހައްޓާފައި ހުރި ޑިޕޮސިޓް ފައިސާ ކަމަށެވެ.
މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ވަޅުގަނޑުން ސަލާމަތްވުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ސިޔާސީ މަގާމުތަކުގެ މުސާރަކުޑަކުރުމަށް ވެސް ޝަރީފް ގޮވާލެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އަމިއްލަ އަށް އިސްނަގައިގެން މުސާރަ ކުޑަކުރެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވީ ޚަރަދުކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ބައެއް މަޝްރޫއުތައް ވެސް މަޑުޖައްސާލަންޖެހޭ ކަމަށާއި އެމްއެމްއޭ އިން ލޯނު ނެގުން ވީހާ ވެސް ވަރަކުން މަދުކުރުމަށް ވެސް އޭނާ ސަރުކާރަށް ގޮވާލެއްވި އެވެ. އަދި ސަރުކާރުގެ ބޭރު ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެހޭތޯ އެފަރާތްތަކާ އެކު ވެސް ވާހަކަ ދައްކަންޖެހޭ ކަމަށާއި، ބޭރު ލޯނު ނެގުމުގެ ފުރުސަތު އޮތުމާ އެކު އިތުރު ލޯނު ނެގުމަށް ވެސް ޝަރީފް ގޮވާލެއްވި އެވެ.
ރިއާސީ ބަޔާނުގައިވާ ގޮތުން ރާއްޖޭގެ ބޭރުގެ ދަރަނީގެ މިންވަރަކީ 460.86 މިލިއަން ޑޮލަރު ކަމަށްވެފައި އެއީ ޖީޑީޕީގެ 38 ޕަސެންޓް ކަމަށްވާތީ، ރާއްޖެ އަދި ދަރަނި މިންގަނޑަށް ނުދާ ކަމަށް ޝަރީފް ވިދާޅުވި އެވެ. ދަރަނީގެ މިންގަނޑަކީ 50 ޕަސެންޓް ކަމަށްވާތީ ބޭރުން އިތުރު ލޯނު ނަގައިގެން އިގްތިސާދު ރަނގަޅުކުރުމަށް ވެސް ޝަރީފް އެދިވަޑައިގަތެވެ.
ރައީސްގެ މެންބަރު އަދުނާން ހަލީމް ވިދާޅުވީ، ރައީސް މައުމޫންގެ ފުރަތަމަ 15 އަހަރު ދުވަހު ފައިސާ ޗާޕުކުރި މިންވަރަށް ވުރެ މި ސަރުކާރުގެ ފުރަތަމަ ތިން މަސްދުވަހު ޗާޕުކުރި ފައިސާގެ މިންވަރު އިތުރުވީ ސަބަބުތަކެއް ވެސް ހުރެގެން ކަމަށެވެ. އެ ސަބަބަކީ ރައީސް މައުމޫނަށް ވެރިކަން ލިބުނު އިރު އޭގެ ކުރީގެ ސަރުކާރުން ރާއްޖޭގެ ރިޒާވްގައި ފައިސާ ރައްކާކޮށްފައި ހުރުމާއި މި ސަރުކާރަށް ވެރިކަން ލިބުނު އިރު ރައީސް މައުމޫންގެ ސަރުކާރުން ރާއްޖޭގެ ރިޒާވްގައި އެއްވެސް އެއްޗެއް ރައްކާކޮށްފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރިއާސީ ބަޔާނަށް ތާއީދުކުރެއްވި ގިނަ މެންބަރުން ވިދާޅުވީ، މިއަދު ރާއްޖޭގެ އިގްތިސާދު އަޑި އަޅާލާފައިވަނީ ކުރީގެ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުގައި ހަރުދަނާކަމެއް ނެތުމުން ކަމަށެވެ. އެ ގޮތުން ކުރިން ރާއްޖޭގައި އޮތް ޝިޕިންލައިންގެ މައްސަލަ އާއި އެއާ މޯލްޑިވްސްގެ މައްސަލައިގެ އިތުރުން ދިވެހި ބޭންކުން މަދު ބަޔަކަށް ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
މި މޭރުމުން ވާހަކަދެއްކެވި ބައެއް މެންބަރުން ވަނީ މި ފަދަ މައްސަލަތައް މިހާރުން މިހާރަށް ބަލައި އެކަންކަމާ ޒިންމާވާ ފަރާތްތަކުން އެ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށް ވެސް ގޮވާލައްވައިފަ އެވެ.
"ބޭންކުގެ ރައުސްމާލުގެ 75 ޕަސެންޓް ދީފައި މިވަނީ 12 ވަރަކަށް ފަރާތަށް. ސީދާ ޑީއާރްޕީ އަށް ހަރަދުކުރުމަށްޓަކައި ބޮޑު ބައެއް ދީފައި މި އޮތީ،" ރައީސްގެ މެންބަރު މުހައްމަދު ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަދު ގިނަ ބަޔަކަށް މަސްވެރިކަމުގަ އާއި ގެދޮރު އިމާރާތްކުރުމުގައި ލޯނު ނުލިބި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވަނީ މި ސަބަބުތަކާ ހެދި ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން ހިންގަވާ އޮފީހަށް ކުރަމުން އަންނަ ހަރަދު ހުއްޓާލައި އެ މަނިކުފާނަށް ދެމުން އަންނަ ސަލާމަތީ ރައްކާތެރިކަން ވަގުތުން އުވާލުމަށް ވެސް ރިޔާޒް ގޮވާލެއްވި އެވެ.
އައްޑޫ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިއީ ވަރަށް ގިނަ ތަފްސީލުތަކެއް ހިމެނޭ ވަރަށް އުންމީދީ ބަޔާނެއް ކަމަށެވެ. އަދި ވެއަތުވެ ދިޔަ 10 އަހަރު ވެސް ސަރުކާރު ހިންގާފައިވަނީ ދަރަނި ބަޖެޓެއްގައި ކަމަށާއި އެ ކަމުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ނައްތާލުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވ. މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު އަޅުގަނޑުމެން ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑަށް ވެއްޓުނީ ވެއަތުވެ ދިޔަ އަހަރުތަކުގައި ރަށްރަށުގެ ބަނދަރުތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ހެދުމަށް ސަރުކާރުން ހަރަދުކުރުމުން ކަމަށް ރައީސް ނަޝީދު ބަޔާންކުރެއްވީތީ ހިތާމަކުރައްވާ ކަމަށާއި އެ ހުރިހާ ކަމަކީ ވިޔަފާރި އުސޫލުން ކުރެވޭނެ ކަންތައް ނޫން ކަމަށެވެ.
"ސަރުކާރުން ވިޔަފާރި ނުކުރައްވާނެ ކަމަށް ވިދާޅުވަމުން ޕްރައިވެޓައިޒްކުރައްވާނެ ކަމަށް ވިދާޅުވަމުން މައްސަލައަކީ ވިދާޅުވާ ގޮތާއި ކަންކުރައްވާ ގޮތާ ދިމާނުވާ ކަން. މި ވޭތުވެ ދިޔަ ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރުން އުފައްދަވާފައިވާ ކުންފުނިތަކުގެ އަދަދު އަޅުގަނޑުމެން ބަލާލަންޖެހޭނެ. ކިތައް ކުންފުނި އިތުރަށް އުފައްދައިފިތޯ؟ ކިތައް ކުންފުނިން އިތުރު މަސައްކަތް ފަށައިފިތޯ؟" ޝާހިދު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ރިއާސީ ބަޔާނާ ބެހޭ ގޮތުން 20 މެންބަރަކު ވާހަކަދެއްކެވި އެވެ. އާންމު ވަގުތަށް ވުރެ އެއް ގަޑިއިރު އިތުރުކޮށް މެންދުރު ފަހު 30: 1 ވަންދެން ކުރިއަށް ގެންދިއަ މި ޖަލްސާގެ ވަގުތު ހަމަވި އިރު ވެސް، ވާހަކަދެއްކެވުމަށް އިތުރު މެންބަރުން އެދިފައި ތިބުމުގެ ސަބަބުން، ރިއާސީ ބަޔާނަށް އަރުވާނެ ޖަވާބު ތައްޔާރުކުރާނެ ހަތަރު މެންބަރުންގެ ކޮމިޓީ ހޮވޭ ގޮތެއް ނުވި އެވެ.
ރައްޔިތުންގެ މަޖިލިސް / ރިޔާސީ ބަޔާނަށް ޖަވާބު ދިނުން: ބަޔާން ފުރިހަމަކަމުގެ ވާހަކަ ގިނަ މެންބަރުން ދެއްކެވިއިރު އަނެއްބައި މެންބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ