ފިންގަޕްރިންޓް މައްސަލާގައި ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަނަށް ކޯޓުން ފުރުސަތު ދީފި

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ތެރެއިން މެމްބަޝިޕް ފޯމާ އެކު ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލާގައި ޖަވާބުދާރީވާން ސިވިލް ކޯޓުން މިއަދު އެ ކޮމިޝަނަށް ފުރުސަތު ދީފި އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިދިޔަ އޮގަސްޓް މަހު ގެނައި އިސްލާހުގެ ދަށުން، ޕާޓީތަކުގެ މެމްބަރުންނަށް ވެވޭނީ އިނގިލީގެ ނިޝާން ވެސް ފޯމާ އެކު ހުށަހަޅައިގެންނެވެ. އެހެންވެ އެ އިސްލާހު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން އަންނަ މަހު ޕާޓީތަކުގެ ދަފްތަރުން އުނިކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެ މައްސަލަ އެމްޑީޕީ އާއި ޑީއާރުޕީން ސިވިލް ކޯޓަށް ހުށަހެޅުމުން، ސުލްހަވެރި ހައްލެއް ހޯދަން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރާ ބަންޑާރަ ނައިބުގެ އޮފީހުން އެދުނީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށެވެ. އެހެންވެ އެ ފުރުސަތު އެ އޮފީހަށް ދިނުމަށް ފަހު އިތުރު ބައްދަލުވުމެއް މާދަމާ ބާއްވަން ކޯޓުން ވަނީ ނިންމައިފަ އެވެ. ސިވިލް ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ފުރަތަމަ ބަލާނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދޭތޯ އެވެ. އެ މަރުހަލާގައި ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ދެން ފޮނުވާނީ މައްސަލައިގެ ޝަރީއަތް ހިންގުމަށެވެ. އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ވިޔަސް ސުޕްރީމް ކޯޓުން އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް ފިޔަވައި އެހެން މިނިވަން މުއައްސަސާތައް ވެސް ކޯޓުތަކުގައި ތަމްސީލުކުރާނީ ބަންޑާރަ ނައިބެވެ. ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނި ކުރުމުން އެމްޑީޕީގެ މެމްބަރުންގެ ދެބައި ކުޅަ އެއްބައި މީހުން އެ ޕާޓީގެ ދަފްތަރުން އުނިވާނެ އެވެ. ފިންގަޕްރިންޓް ހަމަކުރަން ޕާޓީތަކަށް ދިން މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ނިންމުން ތަންފީޒުކޮށްފި ނަމަ، އެންމެ ބޮޑު ޕާޓީ އަށް ވާނީ ސަރުކާރު ހިންގާ ޕީޕީއެމް އެވެ. އެ ޕާޓީ ވުޖޫދަށް އައީ ޕާޓީތަކުގެ ގާނޫނަށް އަމަލުކުރަން ފެށިތަނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ