ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކުސާއާ ބައްދަލުކުރައްވައިފި އެވެ.
ފޯމާ ޕްރެޒިޑެންޓް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ރާޖަޕަކްސަގެ ރަސްމީ ގެކޮޅު ޓެމްޕަލް ޓްރީސްގައި އިއްޔެ ހަވީރު އޮތް އެ ބައްދަލުވުމުގައި ފެބުރުއަރީ ހަތް ވަނަ ދުވަހު ސަރުކާރު ބަދަލުވުމާ އެކު ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު މަޤާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހިރާއްޖެ އާއި ސްރީލަންކާގެ ގުޅުމަށް އިތުރު ބަދަހިކަމެއް ގެނެވޭނެ ގޮތްތަކާ މެދު މައުމޫނާއި ރާޖަ ޕަކުސާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް މައުމޫންގެ ވާހަކަފުޅުގައި ސްރީލަންކާގެ ސަރުކާރުން ރާއްޖެ އަށް ކުރައްވާ ތާއީދަށާއި ސްރީލަންކާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޕްރޮފެސަރު ޖީއެލް ޕީރިސް ރާއްޖެ ވަޑައިގެން ކޮށްދެއްވި މަސައްކަތްޕުޅުތަކަށް ޓަކައި ސްރީލަންކާގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ޝުކުރު ރައްދުކުރެއްވި ކަމަށެވެ.
"...ދިވެހި ރާއްޖޭގެ އިގްތިސާދު އިތުރަށް ހަރުދަނާ ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާ ލައްވައި ރައީސް މައުމޫން ވަނީ ސްރީލަންކާގެ އިތުރު އިންވެސްޓަރުން ރާއްޖޭގައި ވިޔަފާރިތައް ފެށުމުގެ ބޭނުންތައް ފާހަގަ ކުރައްވައި އަދި ރާއްޖެ ތަރައްޤީގެ މަގުގައި ކުރާ ދަތުރުގައި ހަމަޖެހުމާއި އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ވަނީ ވިދާޅުވެފައި،" ބަޔާނުގައިވެ އެވެ.
ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވޭނީ އެންމެ އަވަހަށް ވެސް އަންނަ އަހަރުގެ ޖުލައި މަހުގައި ކަމަށް ރައީސް ވަޙީދު ވިދާޅުވެފައިވާ ވިދާޅުވުމަށް ރައީސް މައުމޫން ތާއީދު ކުރެއްވި ކަމަށާއި ރައީސް ވަހީދުގެ ސަރުކާރުން ފަށާފައިވާ މުހިއްމު މަސައްކަތްތައް އޮމާން މާހައުލެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވުމުގެ މުހިއްމުކަން ވެސް ރައީސް މައުމޫން ވަނީ އެ ބައްދަލުވުމުގައި ފާހަގަ ކުރައްވައިފަ އެވެ.
މައުމޫނާ ބައްދަލުކުރައްވައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް އޮޅުން ފިލުވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމަށް ރައީސް ރާޖަޕަކްސަ ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް އެމަނިކުފާނުގެ ހެޔޮއެދުންތައް ފޮނުއްވި އެވެ. އަދި ދިވެހި ސަރުކާރާ އެކު މުހިއްމު މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅު ކަމަށް ސްރީލަންކާގެ ރައީސް ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
އދ.ގެ ހިޔުމަން ރައިޓްސް ކައުންސިލްގައި ސްރީލަންކާއާ މެދު ދާދިފަހުން ދެކެވުނު ވާހަކަތަކުގައި ސްރީލަންކާގެ ސަރުކާރަށް ތާއީދުކޮށް ވަކާލާތުކޮށްދިން ކަމަށްޓަކައި ދިވެހި ސަރުކާރަށް ރާޖަޕަކްސަ ޝުކުރު އަދާކުރެއްވި އެވެ.
ރައީސް މައުމޫން ސްރީލަންކާ އަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ސްރީލަންކާގެ ރައީސްގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ފޯމާ ޕްރެޒިޑެންޓް އޮފީހުން ވަނީ ބުނެފަ އެވެ.
ކުރީގެ ރައީސް މައުމޫން ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ