މުޅި ރާއްޖެއަށް މިއަދު މޫސުން ގޯސްވާނެ

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ވާރޭ ވެހޭނެކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 1230 އިން ފެށިގެން އިރު އޮއްސި 1800ގެ ނިޔަލަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާއިރު އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެއެވެ. މެޓް އޮފީހުން ބުނެފައިވަނީ ވިލާގަނޑުގައި އިތުރަށް ކަނޑު ގަދަވެގެން ދާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެންހިސާބުތަކަށްް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 50 މޭލު ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
މިއަދު ހެނދުނު މެޓް އޮފީހުން ވަނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ