ޔާމީނާއި މެދު ހަމްދަރުދީވަން: ގާސިމް

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މެދު ހަމްދަރުދީވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ޖޭޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ޔާމީން މިއަދު ހުންނެވީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުން ތިބި ވަރަށް ވުރެ މާ ނިކަމެތި ހާލަތެއްގައި ކަމަށް ގަބޫލުކުރާ ކަމަށާއި ޔާމީނާއި މެދުވެސް ހަމްދަރުދީވާ ކަމަށެވެ.
"އަޅުގަނޑު ހަމްދަރުދީވޭ އެމަނިކުފާނަށާއި އެފަދަ ހާލުގައި ތިބި ހުރިހާ އެންމެންނާއި މެދުގައި ވެސް. އެއީ އަޅުގަނޑުމެން ދެއްކި ވާހަކައެއް އަބަދުވެސް އިންސާފު ގާއިމުކޮށްދިނުމުގެ ވާހަކަ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޔާމީން ފިޔަވައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިން ވެރިއެއް ނެތް ކަމަށާއި ނަމަވެސް އެ ވެރިކަމުގައި ޕްރޮޖެކްޓުތައް ހިންގާފައި ހުރީ އެ ޕްރޮޖެކްޓުތައް ހިންގަންޖެހޭ އަގަށް ވުރެ ތިން ހަތަރު ގުނަ ބޮޑުކޮށް ކަމަށެވެ.
އަދި ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި ހުރި ހުރިހާ ބާރުތަކެއް އެމްއެމްޕީއާރްސީ އަށް ދީގެން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި އޭގެ ނަތީޖާ ވެސް މިއަދު ފެންނަމުންދާ ގާސިމް ވިދާޅުވިއެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ނޭނގި ތިއްބައި ވެސް އެތައް ބަޔަކު ވެސް ޖެހިފައިވާ ކަމަށާއި މިއީ ނިންމުމެއް އޮތް ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ މައްޗަށް ވަނީ އިތުރު ދެ ދައުވާއެއް ވެސް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ