މޫސުން ގޯސް، ކ އަތޮޅާއި ސ އަތޮޅާ ދެމެދަށް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކ އަތޮޅާއި ސ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާން ވަނީ އެ ސަރަހައްދަށް، މިއަދު ހެމދުނު 8:00 އިން މެންދުރު 13:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.
އޭގެ އިތުރުން ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
ދެކުނު އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލުދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މީޓިއޮރޮލޮޖީން ބުނީ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއު އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާ ގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރުބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެއަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ