މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ގާސިމް ނިންމަވައިފި

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.
ގާސިމަކީ ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރެވެ. އަދި އޭނާ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވެސް އިންތިހާބުވެވަޑައިގެންފަ އެވެ.
ގާސިމްގެ ތަރުޖަމާނު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ގާސިމް ނިންމެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމާ އެކު ކަމަށެވެ.
"ޕީޕީއެމްގެ ފުރިހަމަ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ކަމަށް ކުރިމަތިލެއްވުމަށް ގާސިމް ނިންމެވީ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ގާސިމަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ވެސް ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްކަމުން މަޖިލީހުގެ ރައީސްގެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށެވެ.
"ވަރަށް ޕްރެޝާ ކުރިމަތިވި މަގާމެއް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަޖިލީހުގެ ރައީސްކަން އެއީ. އެހެންވީމަ ގާސިމަކީ ގާބިލް ބޭފުޅެއް އެ މަގާމަށް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ