ޖީއެމްއާރުން ދިވެހި ސަރުކާރާއެކު ހެދި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ސިންގަޕޫރުގައި ބާއްވާ އާބިޓްރޭޝަން އަޑުއެހުންތަކަށް ރާއްޖެއިން ފޮނުވި ޓީމުގެ ގާނޫނީ މާހިރެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ފުރާވަޑައިގެންނެވި އިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުއްދަ ދީފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. 
އަބްދުﷲ ސައީދު ސިންގަޕޫރަށް ފުރާވަޑައިގެންނެވި ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 51 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ޝަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ ކަމަކަށް ފިޔަވައި ކޯޓުން ބޭރު އެއްވެސް ކަމަކަށް ފަނޑިޔާރުން ދޫނުކުރެވޭނެ ކަމަށެވެ. އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ ޝަރުއީ ނުވަތަ ގާނޫނީ ދާއިރާގެ ކަމަކަށް ނަމަވެސް ފަނޑިޔާރުން ދޫކުރެވޭނީ ޖޭއެސްސީގެ ހުއްދައާއެކު ކަމަށެވެ. 
ފަނޑިޔާރުން ދޫކުރުމުގެ މަސައްކަތް ޖޭއެސްސީން ހަވާލުކޮށްފައިވާ، އެ ކޮމިޝަނުގެ މެންބަރު ޝުއައިބު އަބްދުއްރަހްމާން ވިދާޅުވީ އަބްދުﷲ ސައީދު ފުރާވަޑައިގެންނެވިކަން އޭނާ އަށް އެނގަވަޑައިގެންފައި ނުވާ ކަމަށާއި އޭނާ ހުއްދައެއް ދޫކޮށްފައިނުވާނެ ކަމަށެވެ. 
"ފަނޑިޔާރުން ދޫކުރުން އަޅުގަނޑާ ހަވާލު ކޮށްފައި އޮންނަނީ ކޮމިޝަނުން. އަޅުގަނޑަކަށް އެނގިފައެއް ނުވޭ [އަބްދުﷲ ސައީދު] ފުރާވަޑައިގެންނެވިކަން ވެސް. އަޅުގަނޑު އިން ބައްދަލުވުމެއްގައި އެފަދަ ވާހަކައެއް ދައްކާފައެއް ވެސް ނުވޭ،" ޝުއައިބު ވިދާޅުވި އެވެ.
    
    ފަނޑިޔާރު އަބްދުﷲ ސައީދު ފުރާވަޑައިގަންނަވަން ހުއްދަ ދީފައެއް ނުވޭ: ޖޭއެސްސީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ