ފެބުރުއަރީ 7 ގައި، އެމްޑީޕީގެ ވެރިކަން ބަދަލުވުމާ ގުޅިގެން އެކި ފަރާތްތަކުން އަވަސް އިންތިހާބެއްގެ ވާހަކަ ދެއްކި ނަމަވެސް އިންތިހާބެއްގެ އަޑު މިހާރު ވަރަށް މަޑުވެފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑާ ބައްދަލުކުރައްވާ ބޭރުގެ އިއްޒަތްތެރި ބޭފުޅުން ވެސް މިހާރު އެ ވާހަކައެއް ނުދައްކަވާ. އަޅުގަނޑު ރާއްޖެއިން ބޭރަށް މިދޭތެރެއިން ދަތުރުތަކެއް ކޮށްފިން. ވަރަށް ގިނަ ގައުމުތަކުގެ އިއްޒަތްތެރިންނާ ބައްދަލުކުރުމުގެ އުފާ އަޅުގަނޑަށް ލިބުނު. އަދި ރާއްޖެ އަށް ވަޑައިގަންނަވާ ސަފީރުން ވެސް އަޅުގަނޑާ ބައްދަލުކުރޭ. އެ ހުރިހާ ބޭފުޅުން ވެސް އަވަސް އިންތިހާބެއްގެ ވާހަކަ ނުދައްކަވާ. އެއީ އެބޭފުޅުން މިހާރު ސަމާލުކަން ދެއްވާ ކަމެއް ނޫން،" އާޓިފިޝަލްބީޗުގައި ބޭއްވި ޖަލްސާއެއްގައި މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބުގެ އަޑު މަޑުވުމުގެ ދެ ސަބަބެއް ހިމެނެ އެވެ. އޭގެ ތެރެއިން އެއް ސަބަބަކީ މަޖިލީހާއި ކައުންސިލްތަކުގެ ބައި އިލެކްޝަންތަކެއް، ބާއްވައި ނަތީޖާ ފެންނަން އޮތުމެވެ. އެހެންވެ އެހެން އަވަސް އިންތިހާބެއް ބޭއްވިއަސް ނަތީޖާ ނުކުންނާނީ ހަމައެގޮތަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އަވަސް އިންތިހާބު ބޭއްވުމުގެ ވާހަކަ އަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައި ނަމަވެސް ތަފާތު އެހެން ވާހަކައެއްގެ ގޮތުގައި އިންކުއަރީ ކޮމިޝަންގެ ވާހަކަ ދެކެވޭ ކަމަށެވެ. އެކަމުގައި ބޭރުގެ ފަރާތްތަކުން ފާޑުކިޔައި ގޮތް ކިޔަން ބޭނުންވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގެ ކަންކަން ނިންމަން ޖެހޭނީ ދިވެހިން ކަމާއި ބޭރު ބަޔަކަށް އިހްތިޔާރުދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"މީގެ މާނައަކީ ބޭރުގެ ފަރާތްތަކުން ދޭ ނަސޭހަތާއި މަޝްވަރާ ގަބޫލުނުކުރާށޭ ނޫން. ބޭރުގެ ފަރާތްތަކުން ހެޔޮ މަޝްވަރާ ދޭނެ. ހެޔޮ ހިޔާލު ވެސް ދޭނެ. ނަމަވެސް އެކަމުގައި ވިސްނާފައި ރާއްޖެ އަށް ހެޔޮގޮތެއް ނަމަ ގަބޫލުކޮށް، ނުރަނގަޅު ގޮތްތަކެއް ނަމަ އެ މަޝްވަރާއެއް ހިޔާލެއް އަޅުގަނޑުމެން ގަބޫލުކުރަން ނުޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނައިބު ރައީސް މުހައްމަދު ވަހީދުއްދީނާއި ކެބިނެޓް މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދެއްވުމަކީ ތާރީހީ މުހިއްމު ނިންމެވުމަށް ކަމަށެވެ. އެ ނިންމެވުމުގެ ސަބަބުން، ރާއްޖޭގައި މިހާރު ހިންގާ އިއްތިހާދުގެ ސަރުކާރާކީ ގާނޫނީ ސަރުކާރެއްކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ރައީސުލް ޖުމްހޫރިއްޔާ ނައިބަށާއި ވަޒީރުންނަށް ތަނަވަސް އަޣުލަބިއްޔަތަކުން ރުހުން ދެއްވާފައި ވަނިކޮށް މި ސަރުކާރަކީ ބާޣީ ސަރުކާރޭ ބުނާނެ އެއްވެސް ތަނެއް ދެން ނެތް،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ ފަހުން ބޭއްވި ހަތަރު އިންތިހާބެއްގެ ތެރެއިން ތިން އިންތިހާބުގައި ވާދަކުރި ޕާޓީތައް ބަލިކޮށް، އެ ޕާޓީ އަށް ކާމިޔާބުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެކެވެ. އަދި އަނެއް އިންތިހާބު ސަރުކާރަށް ތާއީދުކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ކާމިޔާބުކުރެއްވުމުން ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދުއޮތްކަން އެނގިގެން ގޮސްފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ހަމައެއާއެކު އަޅުގަނޑުމެންނާ ވާދަކުރާ އެހެން އެއްވެސް ޕާޓީއަކަށް ރައްޔިތުންގެ ތާއީދެއް ނެތް ކަން، މިކަން މިއޮތީ ވަރަށް ރީތިކޮށް، ވަރަށް ސާފުކޮށް ބަޔާންވެފައި. މިއީ އަޅުގަނޑުމެން ހިތުން މިކަމާ ދޭތެރޭގައި އަޅުގަނޑުމެން އުފާކުރުން ހައްގުކަމެއް. ފަހުރުވެރިވުން ހައްގުކަމެއް. މިކަން މިހެންމިވީ ޕީޕީއެމަކީ ރައްޔިތުންގެ ފައިދާ އަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށް ޔަގީންކުރެވިގެން،" މައުމޫން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އަންނަ ސެޕްޓެމްބަރު މަހުގެ 13- 15 އަށް އެ ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ މައްޗަށް ވެސް ވާހަކަދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަރަމުން އަންނަ ޕާޓީއަކީ ހުޅުވާލާފައިވާ ޕާޓީއެއް ކަމަށާއި ކޮންމެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"މި ޕާޓީއަކީ އެއްވެސް އިރެއްގައި ވަކި މީހަކު ބޭނުންވާނެ ގޮތަކަށް ހިނގަމުންދާނެ ޕާޓީއެއް ނޫން. މި ޕާޓީއަކީ އަޅުގަނޑު ބުނާ ގޮތަކަށް ހިނގާނެ ޕާޓީއެއް ނޫން. ހިނގައިގެންވާނެ ޕާޓީއެއް ވެސް ނޫން. ...ވަކި މީހަކު ޕާޓީގައި ހުންނަން ބޭނުން ނުވީމާ އެ މީހާ ކަނޑައެއް ނުލާނަން،" މައުމޫން ވިދާޅުވި އެވެ.
ދުނިޔޭގެ ފެންވަރުގައި އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ބައްލަވާލައްވައި އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ މުހިއްމު ކަމެއް ވިދާޅުވެ، ހަގީގަތަށް، އަމާނާތްތެރިކަމާ އެކު ހަގީގަތްތައް އޮޅުންފިލުއްވައިދިނުމަށް އިލްތިމާސްކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ އަދި ވިޔަފާރީގެ ނުފޫޒެއް ނަމަވެސް ނޫސްވެރިކަމުގެ ދާއިރާ އަށް ފޯރައިގެން ނުވާނެ އެވެ.
ޕީޕީއެމްގެ މިރޭގެ ޖަލްސާގައި ގައުމީ ޓީމުގެ ކުޅުންތެރިޔާ އަހުމަދު އަދުހަމް ވަނީ އެ ޕާޓީ އަށް ސޮއިކޮށްފަ އެވެ.
އަވަސް އިންތިހާބެއް ބޭއްވުމުގެ އަޑު ވަރަށް މަޑުވެއްޖެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ