ވަކި ބަޔަކަށް އަހަރެން ޕީޕީއެމް އިން ވަތްކެއް ނުކުރެވޭނެ: މައުމޫން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ވަކި ބަޔަކަށް މެމްބަރުން ވަކިކޮށް ނުހެދޭނެ ކަމަށާއި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމި ހުންނާނެ ކަަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ. ޕީޕީއެމް އިން މިއަދު ދަރުބާރު ގޭގައި ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީގެ އިގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅައި ޕާޓީގެ މެމްބަރު ކަމުން މައުމޫން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ފޮނުވުމަށް ވަނީ 26 މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ. އެ ނިންމުމާ ގުޅިގެން މިއަދު ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ދަރުބާރު ފެކްސަނުން ޕާޓީގެ އެއްވެސް މެމްބަރެއް ވަކިކުރުމުގެ ގާނޫނީ ހައްގެއް ލިބިގެން ނުވޭ. ﷲގެ ވާގި ފުޅާ އެކު އަހަރެން ދެމި ހުންނާނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މެމްބަރުން އިންތިހާބުކުރި ރައީސްގެ މަގާމުގައި،" މައުމޫންގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ. ރައީސް މައުމޫން ޕާޓީގެ މެމްބަރު ކަމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށަހަޅަން ނިންމާފައިވާ އިރު، ރައީސް ޔާމިނާއި މިއަދުގެ ސަރުކާރާ ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދި އިދިކޮޅު ފަރާތްތަކާ އެކު ކުރިއަށް ދިއުމަށް އެއްބެސްވުމެއްގައި ސޮއިކޮށްފަ އެވެ. ޕީޕީއެމްގެ ރައީސް ކަމަށް މައުމޫން އިންތިހާބުކުރީ 2013 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ޖަލްސާގައި އާއްމު މެމްބަރުންގެ ވޯޓުންނެވެ. ޕީޕީއެމް އުފެދުނީ ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފެއްދި ޑީއާރުޕީ ދެ ބަޔަކަށް ބެހި އޭރުގެ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ރައީސް މައުމޫނާ ހިޔާލިތަފާތުވުންތަކެއް އުފެދިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ