ޕެޓިޝަނެއްގައި ސޮއިކޮށްގެން ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާ ދޭން ހައި ކޯޓުން ހުކުމްކޮށްފި

ޕެޓިޝަނެއް ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ވަޒީފާ އިން ވަކިކުރި މީހަކަށް ވަޒީފާ ދޭން އަންގާނެ ތަނެއް ނެތް ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލްކޮށް މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ވަޒީފާ ދިނުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ހައި ކޯޓުން އެ ހުކުމްކުރީ އެއާޕޯޓްސް ކޮމްޕެނީގެ ވަޒީފާ އިން ދ. ކުޑަހުވަދޫ ރޯޒްލީން އިސްމާއިލް ނާފިއު އޮގަސްޓް ،11 2009 ގައި ވަކިކުރުމުން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެތަނުން ނިންމި ނިންމުން ނާފިއުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ނާފިއު ވަޒީފާއިން ވަކިކުރީ އެކަން އޭނާ އަށް އެންގި ލިޔުމުގައި ބުނެފައިވާ ސަބަބުތަކަށްޓަކައިކަން އެއާޕޯޓްސް ކޮމްޕެނީ އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ނާފިއު ވަޒީފާއިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމާއި ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަން ޖެހޭ އަދަލުވެރިކަން ގާއިމްކޮށްފައި ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ނާފިއު އަށް ވަޒީފާ ދޭން އަންގާނެ ތަނެއް ނެތް ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލްކޮށް 15 ދުވަހުގެ ތެރޭގައި އޭނާ އަށް ވަޒީފާ ދިނުމަށް އެއާޕޯޓްސް ކޮމްޕެނީގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.
ވަޒީފާ ދިނުމުގެ އިތުރުން ވަޒީފާ އިން ވަކިކުރި މުއްދަތުން ފެށިގެން އަލުން ވަޒީފާ ލިބުމާ ހަމައަށް އޭނާ އަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް މިއަދު ފެށިގެން 30 ދުވަހުގެ ތެރޭގައި ދިނުމަށް ވެސް ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ