އަދީބު ޕާޓީން ވަކި ކުރީ ރަނގަޅަށް ކަމަށް ގަބޫލު ކުރަން: މައުމޫން

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބު ޕާޓީން ވަކިކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ޕާޓީން އޭނާ ވަކިކުރީ ރަނގަޅަށް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ބެންގަލޫރުގައި ހުންނަ ގާޑަން ސިޓީ ކޮލެޖުގެ ދައުވަތަކަށް އެ ކޮލެޖްގެ ހަފުލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް މިއަދު މެންދުރު ފަހު ރާއްޖޭން ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުކަމުން އަދީބު ވަކިކުރައްވައި، އެ މަނިކުފާނުގެ މައްޗަށް އިތުބާރުނެތް ކަމަށް ފާސްކުރުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމި ނިންމުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެއާޕޯޓުގައި މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެ މަނިކުފާނު މިއަދު ވަނީ އިންޑިއާއަށް ވަޑައިގެންފައި-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެއީ އެކަން ކުރަން ޖެހޭނެ ގޮތްވެސްމެ،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު ނައިބު ރައީސަށް ދީފައި ނުވި ނަމަވެސް، ޕާޓީގެ ގަވައިދު ބުނާގޮތުން ސުލޫކީ ކޮމެޓީން އެވަގުތާ ގުޅޭގޮތުން ގޮތް ނިންމޭނެ ކަމަށެވެ. ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ދަނޑިވަޅު ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. މައުމޫން ވިދާޅުވީ މިއީ ޕީޕީއެމް ނުވަތަ ސަރުކާރު ބަލިކަށިވި ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވަޒީރުން ލެއްވުމާއި ވަކި ކުރުމަކީ ގާނޫނު އަސާސީން ރައީސަށް ލިބިފައިވާ ބާރެއް ކަމަށާއި ކަމެއް ދިމާވާގޮތުން މިނިސްޓަރެއް ވަކި ކުރަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ. "މިއީ އާދަޔާހިލާފުކަމެއް ނޫން. ގާނޫނާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ހިނގާކަމެއް. މީގެ ސަބަބުން ޕީޕީއެމް ބަލިވީ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ