ގެޓްސެޓް ލޯނަށް ހުށަނާޅަނީސް މައުމޫން ހަމީދު ޝޯޓްލިސްޓް ވެއްޖެ

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ދޫކުރާ ގެޓްސެޓް ލޯނު ސްކީމަށް، ގާނޫނީ ވަކީލު މައުމޫން ހަމީދު އެދިވަޑައިގެންފައި ނުވަނީސް އެ ލޯނަށް އޭނާ ޝޯޓް ލިސްޓް ވެއްޖެ އެވެ. މައުމޫން ހަމީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް އުފާވެރި އަދި ހިތާމަވެރި ހަބަރެއް ލިބިއްޖެ ކަމަށެވެ. އުފާވެރި ހަބަރަކީ ގެޓްސެޓްގެ ޓެކްނިކަލް ކޮމިޓީ އިން އޭނާގެ ޕްރޮޕޯސަލް ބެލުމަށް ފަހު، ޝޯޓް ލިސްޓު ކުރި ހަބަރު އީމެއިލަކުން ލިބުން ކަމަށް ވިދާޅުވި އެވެ. "ހިތާމަވެރި ހަބަރަކީ އެ ފަދަ ޕްރޮޕޯސަލެއް ހުށަނާޅާކަން،" މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެ އެވެ. މިކަމާ ގުޅޭގޮތުން "ހަވީރު"ން ސުވާލުކުރުމުން އިކޮނޮމިކް މިނިސްޓްރީން ވަކި ޖަވާބެއް އަދި ނުލިބެ އެވެ. އެކަމަކު ބޮޑަށް ލަފާ ކުރެވޭ ގޮތުން މައުމޫނަށް މި މެއިލް ފޮނުވިފައިވަނީ އޮޅިގެންނެވެ. ގެޓްސެޓް ލޯނާ ގުޅޭ ގޮތުން ބަޔަކަށް މައުލޫމާތު ދެނީ: މި ލޯނަށް ހޮވުނު ފަރާތްތައް އަންނަ މަހު 12ގައި އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައި އެކި ކަންކަމާ ގުޅިގެން ލަސް ވެގެން ގޮސްފައިވާ އެ ލޯނު ލިބޭ ފަރާތްތައް އަންނަ މަހު 12ގައި އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި ލޯނަށް 500 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭން ގިނަ މީހުންނާ މިހާރު އިންޓަވިއު ކޮށްފައިވާ ކަމަށެވެ. އެކަމަކު ޝޯޓް ލިސްޓުކޮށްފައިވާ ބައެއް މީހުންނާ ގުޅުމުގައި ދަތިތަކެއް ހުރި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ. ކޮންމެ އަހަރަކު ވެސް ދޫކުރާ މި ސްކީމަށް ފަސް އަހަރަށް، 200 މިލިޔަން ރުފިޔާ ސަރުކާރުން ކަނޑައަޅާފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ