ނަޝީދާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް މައުމޫން ވިދާޅެއް ނުވޭ: ޕީޕީއެމް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން ސަރުކާރާއި އެމްޑީޕީން މަޝްވަރާ ކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުނުވާ ކަމަށް ބުނެ ޕީޕީއެމުން އެމްޑީޕީ އަށް މިއަދު ރައްދުދީފި އެވެ.ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމުން އިދިކޮޅު އެމްޑީޕީ އަށް ރައްދު ދީފައި މިވަނީ، ބޭރުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދާ ގުޅޭ ގޮތުން މައުމޫން ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކޮށް އެ ޕާޓީން ބަޔާނެއް ނެރެފައި ވަނިކޮށެވެ. އެމްޑީޕީން ބުނީ ނަޝީދުގެ ހުކުމާ ގުޅޭ ގޮތުން ސަރުކާރުން އެ ޕާޓީއާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް މައުމޫން ވިދާޅުވި ކަމަށެވެ. އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ. ޕީޕީއެމްގެ ބަޔާނުގައި ބުނީ އިންޑިޔާގެ މަޝްހޫރު ތިންކް ޓޭންކް، އޮބްޒާވާ ރިސާޗް
ފައުންޑޭޝަންގެ ދައުވަތަކަށް ނިއުދިއްލީގައި
ތަގުރީރު ކުރެއްވުމަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ނޫސްވެރިންގެ ސުވާލުތަކަށް މައުމޫން ޖަވާބު ދެއްވި ކަމަށެވެ. އޭގެ ތެރޭގައި ނަޝީދާ ގުޅޭ ގޮތުން މައުމޫނަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނަ ކަމަަށް ވިދާޅުވި ކަމަށް ޕީޕީއެމުން ބުނެ އެވެ. އަދި އެ ކޯޓުން ވަކިގޮތެއް ނުނިންމާ ހިނދަކު ނަޝީދު ހުކުމް ތަންފީޒުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި ކަމަށް ޕީޕީއެމުން ބުންޏެވެ."..ނަޝީދުގެ ހުކުމަށް ދައުލަތުގެ ފަރާތުން ލުޔެއް ހޯދޭނެ ގޮތަކާ މެދު އެމްޑީޕީއާ އެކު ވަކިން މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގެން އެ ޕާޓީ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެއްވެސް ހާލެއްގައި އެމްޑީޕީއާ އެކު ސަރުކާރުން މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ވާހަކަ އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.މައުމޫން އެގޮތަށް ވިދާޅުނުވާ ކަމަށް ޕީޕީއެމުން ބުނި ނަމަވެސް އެމްޑީޕީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މައުމޫންއާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.ޕީޕީއެމުން ބުނީ މައުމޫނާއި ޕީޕީއެމް ބަދުނާމުނުކޮށް، ބަޔާންތައް ނެރުމުގެ ބަދަލުގައި ކަންބޮޑުވާ މައްސަލައެއް އޮތް ނަމަ ސަރުކާރާ ވާހަކަ ދައްކައިގެން އެމްޑީޕީން އެ މައްސަލައަކަށް ހައްލު ހޯދަން ގޮވާލާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ