ސިއްހީ ދާއިރާ އަށް ބޭނުންވާ އެންމެ މުހިއްމު ކަންތައް އަންނަ އަހަރަށް ކަނޑައެޅި އެ ދާއިރާގެ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިއްހީ ދާއިރާ އަށް ސަރުކާރުން އަންނަ އަހަރަށް ކަނޑައެޅި ބަޖެޓް އެމްޑީޕީން ދިރާސާ ކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ރޮޒައިނާ ވިދާޅުވީ ސިއްހީ ހިދުމަތް ދޭ އިމާރާތްތައް މަރާމާތުކޮށް، ތަރައްގީ ކުރުމަށް ބަޖެޓްގައި ފައިސާ ހިމަނާފައި ވީ ނަމަވެސް، އެ ތަންތަނުގައި ހިދުމަތް ދޭނެ މީހުންނާއި ބޭނުންވާ ވަސީލަތްތަކަށް ފައިސާ ކަނޑައަޅާފައި ނެތް ކަމަށެވެ. އަދި އެތަކެތި ހޯދަނީ ބަޖެޓުގެ ބޭރުންތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ރާއްޖޭގައި ބައެއް ބަލިތައް އާއްމުވަމުން އަންނައިރު އެ ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމަށް އެއްވެސް ވަރެއްގެ ފައިސާއެއް ހިމަނާފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
"ބަލިތަކަށް ފަރުވާ ދިނުމަށް ވުރެ މުހިއްމީ އެ ބަލިތައް ނުޖެހޭނެ ގޮތަކަށް އަދި އެ ބަލިތައް ހުއްޓުވުން. އެކަންކަން ކުރުމަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނުވުމަކީ ހިތާމަވެރިކަމެއް،" އޭނާ ވިދާޅުވި އެވެ.
ބަޖެޓުގެ އިތުރު ތަފްސީލު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ޕީޕީއެމްގެ މައިގަނޑު ދެ ވައުދެއް ކަމަށްވާ ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހޯދުމާއި ސީ އެމްބިއުލާންސްއާ ގުޅޭ އެއްވެސް ކަމެއްގެ ފައިސާ ބަޖެޓްގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި އާއިލާތަކަށް ބޭނުންވާނެ ޑޮކްޓަރުން ހޯދުމާއި ޑޮކްޓަރުން ޓްރޭން ކުރުމަށް ވެސް ބަޖެޓް ނެތް ކަމަށް ވިދާޅުވި އެވެ.
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޓްރޯމާ އަދި އެމަޖެންސީ އަށް ސްޕެޝަލައިޒް ވެފައިވާ ހޮސްޕިޓަލްގެ މަސައްކަތް ފެށިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ކޮށްފައިވަނީ އެ މަސައްކަތަށް ބޭނުންވާ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތާއި އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށާއި އަދި އެއީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަންޑު ހޯދި ބަޖެޓުން ކޮށްފައިވާ މަސައްކަތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ރޮޒައިނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސިއްހީ ދާއިރާގެ އެންމެ މުހިއްމު ކަންކަމަށް ބަޖެޓު ކޮށްފައި ނުވާ ކަމަށް ވިދާޅުވި-- ހަވީރު ފޮޓޯ: ނިޝާން އަލީ "މި އަހަރު ވެސް މިކަމަށް 37 މިލިޔަން ރުފިޔާ ބަޖެޓް ކޮށްފައިވޭ. އެކަމަކު އެ ފައިސާ އިން ކުރެވުނު ކަމަކީ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތާ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް. އަދި އަންނަ އަހަރު އެ ހޮސްޕިޓަލުގެ މަސައްކަތަށް 58.6 މިލިޔަން ރުފިޔާ ބަޖެޓް ކޮށްފައިވާ އިރު، އެ މަސައްކަތް ކުރިއަށް ނުގޮސްފާނެތީ ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗު ބަޖެޓުގެ ތަފްސީލު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ އެ ހޮސްޕިޓަލަށް މިއަހަރު 505 މިލިޔަން ރުފިޔާ ކަނޑައެޅި އިރު، އަންނަ އަހަރަށް އެ އަދަދު 479 މިލިޔަނަށް ތިރިވެފައިވާ ކަމަށެވެ. މީގެ ތެރޭން ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނިފައިވާ 35 މިލިޔަން ރުފިޔާ އަކީ މިހާރު ހަދާފައިވާ އިމާރާތުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ އެވެ.
ރޮޒައިނާ ވިދާޅުވީ ހޮސްޕިޓަލުގެ ބަޖެޓުން ބޮޑު ބައެއް ހަރަދު ކުރަނީ އެތަން ހެދުމަށް ކަމަށާއި އެތަނުން ދޭން ޖެހޭ، ހިތުގެ ފަރުވާ އާއި ކެންސަރަށް ފަރުވާ ކުރުން ފަދަ ހިދުމަތްތަކަށް ބޭނުންވާ ވަސީލަތް ހޯދުމަށް ބަޖެޓް ކޮށްފައި ނުވާ ކަމަށެވެ. އަދި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގައި ވެސް އެތަނުން ދޭ ހިދުމަތްތަކަށް ބޭނުންވާ ސާމާނާއި ހިއުމަން ރިސޯސަސް ހޯދުމުގެ ބަދަލުގައި ބަޖެޓް ކޮށްފައިވަނީ ހޮސްޕިޓަލުގެ އެކްސްޓެންޝަނަށާއި ވަސީލަތްތައް އަޕްގްރޭޑް ކުރުން ފަދަ ކަންތައްތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެންސްޕާ އަށް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓް ކުޑަކަން ފާހަގަ ކުރައްވައި ރޮޒައިނާ ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ އިނާޔަތް މި ބަޖެޓުން ދެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.
ޕެންޝަން ފައިސާގެ ގޮތުގައި މި އަހަރު އެއް ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އަންނަ އަހަރު މި އަދަދު 542.9 މިލިޔަން ރުފިޔާ އަށް ވަނީ ކުޑަކޮށްފަ އެވެ. އަދި ސަރުކާރުން ވަކި ހިދުމަތަކަށް ނޫން ގޮތަށް ދޭ ފައިސާގެ ގޮތުގައި މި އަހަރު 9.2 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އަންނަ އަހަރު މި އަދަދު 572.6 މިލިޔަން ރުފިޔާ އަށް ވަނީ އިތުރުކޮށްފަ އެވެ.
ރޮޒައިނާ ވިދާޅުވީ މިގޮތަށް ބަޖެޓް ކަނޑައަޅާފައި އޮތުމުން 65 އަހަރުން މަތީގެ މީހުންނަށް މި އަހަރު އިނާޔަތް ދީފައިވަނީ ޕެންޝަން ފަންޑުންތޯ ސުވާލު އުފެދި، އެހެން ގަބޫލު ކުރެވޭ ކަމަށެވެ.
އޭގެ އިތުރުން ނިކަމެތިންނާއި އާއްމު ހާލަތު ރަނގަޅު ކުރުމަށް ދޭ ފައިސާގެ ގޮތުގައި އަންނަ އަހަރަށް ލަފާ ކޮށްފައިވާ 21.9 މިލިޔަން ރުފިޔާ އާއި އަމިއްލަ ފަރާތްތަކަށް ދޭ އެހީގެ ފައިސާ 137.4 މިލިޔަން ރުފިޔާ އެއީ ކޮން ގޮތަކަށް ކޮން އުސޫލަކުން ބަހަން ބަޖެޓް ކޮށްފައިވާ ފައިސާއެއްތޯ ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭން ބޭރުން ބޭސް ފަރުވާކުރުމަށް މި އަހަރު ކަނޑައަޅާފައިވަނީ 31.3 މިލިޔަން ރުފިޔާ އެވެ. އެކަމަކު އަންނަ އަހަރު އެ ބަޖެޓު 10.5 މިލިޔަން ރުފިޔާއަށް ކުޑަ ކުރުމާއި ރާއްޖޭން ބޭސް ފަރުވާ ކުރުމަށް މި އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓު 2.8 މިލިޔަން ކުޑަކޮށްފައިވާތީ ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ހިލޭ ބޭސް ފަރުވާ ކުރުމަށް ކަނޑައެޅި ބަޖެޓް ކުޑަވެފައިވާތީ ހުސްނުވާ އާސަންދައިގެ ދަށުން މިކަން ކުރާނެ ގޮތާ މެދު ސުވާލު އުފެދޭ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގައި ޕީޕީއެމްގެ ބޮޑު އަޣްލަބިއްޔަތު އޮންނާތީ އެ ޕާޓީ ބޭނުންވާ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ފާސްވާ ކަމަށެވެ. އެހެންވެ، އެމްޑީޕީގެ މި ކަންބޮޑުވުންތައް ބަޖެޓް ކޮމެޓީއާ ހަމައަށް ފޮނުވައިގެން ސުވާލުތައް ކުރި ނަމަވެސް، އެކަމަށް ހައްލެއް ނުގެނެސް ބަޖެޓް މިހާރު އޮތް ގޮތަށް ފާސްވުމުގެ ބިރު އެބައޮތް ކަމަށެވެ.
ސިއްހީ ދާއިރާގެ އެންމެ މުހިއްމު ކަންކަމަށް ބަޖެޓު ކޮށްފައެއްނުވޭ: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ