ރައީސް އަބްދުﷲ ޔާމިންގެ ކެމްޕޭން އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ މަހާސިންތާއާ ދޭތޭރެ ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް މި މަހާސިންތާ ފައްޓަވައިދެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމަށް ދެއްވި ދައުވަތު ރައީސް މައުމޫން ގަބޫލްފުޅު ކުރައްވާފައިނުވާކަމަށް ޕީޕީއެމުން ބުނެފިއެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ބައިވެރިވުމެއް ނެތި ބާއްވާ މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުން އެދި ރައީސް މައުމޫނަށް ދައުވަތު ދެއްވާފައިވަނީ މިދިޔަ މަހުގެ އެއްތިރީސްވަނަ ދުވަހުއެވެ.
މަހާސިންތާ ފައްޓަވައިދެއްވުމަށް ރައީސް މައުމޫނަށް ދައުވަތު ދެއްވީ ނައިބް ރައީސް އަހްމަދު އަދީބް އެވެ.
މައުމޫނަށް ދެއްވި ދައުވަތާއި ގުޅިގެން ޕީޕީއެމްގެ މަޖިލީސް މެންބަރުން ވިދާޅުވީ މައުމޫނަށް ދެއްވި އެ ދައުވަތު ގަބޫލްނުކުރައްވާތީ މިހާރު އެ ރަސްމިއްޔާތު ޝަަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަޙްމަދު އަދީބްކަމަށެވެ.
ރައީސް މައުމޫން އެ ދައުވަތު ގަބޫލްނުކުރެއްވި ސަބަބާއި ގުޅޭގޮތުން އެ މެންބަރުން ވިދާޅުވީ އެ މަހާސިންތާއަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ޚިލާފަށް ބާއްވާ ބައްދަލްވުމެއް ކަމަށާ އެ ބައްދަލްވުމުގައި ރައީސް މައުމޫން ބައިވެރިވެވަޑައިނުގަންނަވަނީ އެެހެންވެގެންކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިމަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާން ކަމާއި މަހާސިންތާގެ މީޑިއާގެ ކަންކަމާއި ހަވާލުވެ ހުންނެވި އިބްރާހިމް މުއާޒު އަލީ ވިދާޅުވީ މާދަމާ 369 ބައިވެރިންނާއެކު ބާއްވާ މަހާސިންތާއާ ޕީޕީއެމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ރައީސް އަބުދުﷲ ޔާމީންގެ އަނބިކަނބަަލުން ފާތިމަތު އިބްރާހިމްގެ ސީދާ ބެއްލެވުމުގެ ދަށުން ބާއްވަވާ މި މިމަހާސިންތާއާއި ގުޅިގެން ޕާޓީގެ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލް ތަފާތުވުން އުފެދިފައެވެ.
މިފަދަ މަހާސިންތާއެއްގެ ޕާޓީގެ ބައިވެރިވުމެއްނެތި ޕާޓީގެ ގޮފިތައް ހިމެނޭގޮތަށް ބޭއްވުމަކީ އަސާސީ ގަވާއިދާ ޚިލާފްކަމެއްކަމަށް ބައެއް މެންބަރުން ވިދާޅުވާއިރު، ރައީސް ޔާމީން އިތުރަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރަން ނުޖެހޭނެކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
"ޕާޓީ އަސާސީ ގަވާއިދުން އެބަ ޔަގީންކޮށްދޭ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސްކަމުގައި ހުންނަނަމަ ދެން އޮންނަ އިންތިޚާބަކަށް ޓިކެޓް ހޯދަން ނުޖެހޭނެކަން. ދެން ރައީސް ޔާމީން 2018އަށް ތައްޔާރުވާންވީ ދެއްތޯ. އެކަމުގައި ވަކި ބޭފުޅެއްގެ ޚިޔާލް ހޯދާ ހުއްދަ ހޯދާކަށް ނުޖެހޭނެ." ޕީޕީއެމްގެ މެންބަރަކު ވިދާޅުވިއެވެ.
މާދަމާ ފަށާ މަހާސިންތާ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު އެއީ ސީދާ ރައީސް ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ ހަރަކާތެއް ކަމަށް ކެންޕޭން އޮފީހުން ވަނީ ބުނެފައެވެ. އަދި މިމަހާސިންތާގެ ބޭނުމަކީ 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން ވާދަކުރައްވާއިރު އެމަނިކުފާނުގެ ކެމްޕޭންގައި އުޅޭނެ މީހުންނާ ލީޑަރުން ތައްޔާރުކުރުންކަމަށްވެސް ވަނީ ބުނެފައެވެ.
ނަމަވެސް މިކަމާއި ގުޅިގެން ރައީސް މައުމޫން އަދި ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މަހާސިންތާ ޝަރަފްވެރިކޮށްދެއްވުމަށް މައުމޫން ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ