ގެމަނަފުށީ ދާއިރާގެ މައްސަލައިގެ އަޑުއެހުންތަށް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ އިންތިހާބާ ގުޅިގެން ހުށައަޅާފައިވާ މައްސަލައާ ގުޅިގެން ހައިކޯޓަށް ހުށައަލާފައިވާ މައްސަލައިގެ އަޑުއެހުންތަށް ނިންމާލައިފިއެވެ.
އެ ދާއިރާގެ އިންތިހާބުގެ މައްސަލަ ހައިކޯޓަށް ހުށައެޅީ އެމްޑީޕީގެ ފަރާތުންނެވެ. ގެމަނަފުށީ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމްގެ ފަރާތުން އެ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ޖަމީލް އުސްމާންއެވެ.
އެމްޑީޕީގެ ދައުވާގައި އެދިފައިވަނީ އެ ދާއިރާގައި ހިމެނޭ ގއ. ދެއްވަދޫގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ބާތިލްކޮށް ދިނުމަށެވެ. އެގޮތުން ވޯޓު ކަރުދާސްތައް ގުނިއިރު ދެއްވަދޫގައި ހުރި ފޮށީގެ 200 އެއްހާ ވޯޓުގައި އެކި ބާވަތުގެ ނިޝާންތަކެއް ޖަހާފައިހުރި ކަމަށް އެ ދައުވާގައިވެ އެވެ.
އެހެންކަމުން އެ ވޯޓަށް ނުފޫޒު ފޯރުވައި، ވޯޓުގެ ސިއްރުކަން ނަގާލާފައިވާތީ އެ ފޮށީގެ ނަތީޖާ ބާތިލްކޮށް ދިނުމަށް އެދޭކަމަށް ވެސް އެދައުވާގައި ބުނެފައިވެއެވެ. މީގެއިތުރުން އެ ދައުވާގައި ޖަމީލުގެ ފަރާތުން ބައެއް މީހުންނަށް ބިރު ދައްކައި، ވޯޓަށް ނުފޫޒު ފޯރުވައިފަ ކަމަށާއި އަދި ރިޝްވަތު ދިނުމާއި އެކިއެކި އެހީތައް ދިނުމުގެ ކަންތައްތައް ވެސް ހިންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެ ކަންކަން ސާބިތުކޮށް ދިނުމަށް އެމްޑީޕީން ވަނީ ތިން ހެކިވެރިއެއްގެ ނަން ވެސް ހުށަހަޅައިފަ އެވެ.
މި ދައުވާއަށް އިންކާރުކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ދައުވާގައި ބުނާ މައިގަނޑު ކަންތައްތައް ސާބިތުކުރަން އެއްވެސް ހެއްކެއް ނެތް ކަމަށާއި އެގޮތުން ބިރު ދައްކައި، ރިޝްވަތު ދިންކަން ސާބިތުކުރަން އެއްވެސް ހެއްކެއް ނެތްއިރު ވޯޓު ކަރުދާސްތަކުގައި ނިޝާންތަކެއް ޖަހާފައި ހުރިކަން ސާބިތުކުރަން ހެކި ހުށަހެޅުމަކުން ނުފުދޭ ކަމަށް ވިދާޅުވި އެވެ. ވޯޓު ކަރުދާހެއްގައި ކުރެހުމެއް ހުރުމަކީ އެ ވޯޓެއް ބާތިލްވާނެ ސަބަބެއް ނޫން ކަމަށާއި އެކަން ގަވާއިދުގައި ވެސް އޮންނަ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
މި މައްސަލައިގެ ތެރެއަށް ޖަމީލުގެ ފަރާތުން ވެސް ވަނީ ތަދައްޚުލްވެފަ އެވެ. ޖަމީލްގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ ޖަމީލުގެ ފަރާތުން ރިޝްވަތު ހުށަހެޅިކަމުގެ ހެއްކެއް ނެތް ކަމަށާއި އަދި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ގަވާއިދުގައި އެއްވެސް މާއްދާއެއް ހިމެނިފައިވާނަމަ ގަވާއިދު އިސްލާހު ނުކުރާހާ ހިނދަކު އެއަށް އަމަލުކުރަންޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލަމުން، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޔޫސުފް ހުސައިން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ނަމަވެސް އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ