ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަކުރުމަށް ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ކޯޓް ތަކާއި ބެހޭ ގާނޫނަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި އިސްލާހަކާ ގުޅިގެން ފަނޑިޔާރުންގެ ބެންޗްގައި މިހާރު ތިއްބެވި ހަތް ބޭފުޅުންގެ ބަދަލުގައި ބެންޗްގެ އަދަދު ފަސް ބޭފުޅުންނަށް މަދުކުރުމަށް ފާސްވީ ރޭ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ޝަރީފް ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީން ތާއީދު ނުކުރާނެ ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފައިވާއިރު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ކޮމިޓީގައި އެމްޑީޕީގެ ތިން މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ޝަރީފް ހުށަހެޅުއްވި އިސްލާހަށް ބަދަލުތަކެއް ގެނެސް ކޮމިޓީން އެ އިސްލާހު ފާސްކުރީ މަޖިލީހުން ބިލް ފާސްވެ ތަސްދީގުވުމާއެކު އަމަލުކުރަން ފަށާ ގޮތަށެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލް ނޫން ކަމަށް ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމުގަ އެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓް ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލުމަށް ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީއާ ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކު ފަހަކަށް ދަށްކުރުމަށް ކޮމިޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ