ފަނޑިޔާރުން ބަދަލު ކުރާއިރު ސުޕްރީމް ކޯޓުގެ ލަފާ ހޯދަންޖެހޭ ގޮތަށް އުސޫލު ފާސްކޮށްފި

ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރާއިރު ސުޕްރީމް ކޯޓުގެ ލަފާ ހޯދަންޖެހޭ ގޮތަށް ފަނޑިޔާރުން ބަދަލުކުރުމާ ބެހޭ އުސޫލު ފާސްކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އާންމުކޮށްފި އެވެ.
 
މި އުސޫލުގައި ވާގޮތުން ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރެވޭނީ ފަނޑިޔާރުންގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޖޭއެސްސީއަށް އެކަން ކުރަން ހުށަހެޅުމުންނެވެ. ނަމަވެސް އެގޮތަށް ފަނޑިޔާރަކު ބަދަލުކުރުމުގައި ސުޕްރީމް ކޯޓުގެ ވިސްނުން ހުރި ގޮތް ބެލުމަށް އެކަން އިސްވެ ކޯޓަށް ހުށަހެޅުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވާ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
 
ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައިފި ނަމަ އެކަން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ފޮނުވަންޖެހޭނެ ކަމަށާއި އަދި އެ ފަނޑިޔާރަކު ބަދަލުކުރަން ފެންނަ ކަމަށް އެ ކޯޓުން ލަފާ ދީފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެ ލަފައާ އެއްގޮތަށް އަމަލުކުރަން ޖޭއެސްސީން ކަނޑައަޅަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
 
މީގެއިތުރުން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމަށް ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގައި ލަފާ ދޭ ކޮމެޓީ ގެ ނަމުގައި ހަތް މެންބަރުންގެ ކޮމިޓީއެއް ވެސް އެކުލަވާލާން ޖެހެ އެވެ.
 
މިކޮމިޓީގައި ތިބެނީ ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ފަނޑިޔާރާއި، ހައި ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ފަނޑިޔާރާއި، ދަށު ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ ފަނޑިޔާރާއި، ޖޭއެސްސީގައި އިންނަވާ ސީއެސްސީގެ ރައީސްއާއި، ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރާއި ބަންޑާރަނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ ވަކީލެއް ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.
 
ޖޭއެސްސީން ބުނީ މި އުސޫލުގެ މަގުސަދަކީ ފަނޑިޔާރުންގެ ޝަރުއީ އަދި ގާނޫނީ ހުނަރާއި، ގާބިލްކަމާއި، ތަޖުރިބާ އިތުރުކުރުމާއި ކުރިއެރުވުމާއި، ގާނޫނީ އަދި ޝަރުއީ ދާއިރާއަށް އަންނަންޖެހޭ ބަދަލުތަކާއި ކުރިއެރުންތަކާ އެއް ހަމައެއްގައި ޝަރުއީ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުން ކަމަށެވެ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ