ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިންތިހާބާ ގުޅިގެން ހުށައަޅާފައިވާ މައްސަލައާ ގުޅިގެން ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ފޭދޫ ދާއިރާގެ އިންތިހާބު ބާތިލުކޮށްދިނުމަށް ހައިކޯޓަށް ހުށައެޅުއްވީ އެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނިހާދު އެވެ. އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ދީދީ އެވެ.
މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި ނިހާދުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް ދީދީ އިންތިހާބުތަކުގައި ކުރުން މަނާ ކަންކަން ހިންގާފައިވާކަމުގެ ހެކިތައް ލިބިފައިވާ ކަމަށާއި އެގޮތުން ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި އެސްއެމްއެސް މެދުވެރިކޮށްގެން ކެމްޕެއިންކުރުމާއި ވޯޓުލީ ގަޑީގައި އިބްރާހިމް ދީދީއަށް ވޯޓުލުމަށް އެދި އަމަލީ ގޮތުން އިބްރާހިމް ދީދީ ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
އަދި ސިހުރު ހަދާފައިވާ ކިހާކެއް ތަންތަނުގައި ވަޅުލި ކަމަށާއި ލައުޑް ސްޕީކަރު ބޭނުންކޮށްގެން އިސްލާމްދީނާ ހިލާފް އެއްޗެހި ކެމްޕެއިން ދުވަސްވަރު ޖެހި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޭދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ނިހާދަށް ލިބިފައިވަނިކޮށް އެމްޑީޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލް ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތް އިންތިހާބާއި ވަރަށް ކައިރިވެފައިވަނިކޮށް ނިމުމުން ކެމްޕެއިން ކުރުމަށް ނިހާދަށް އެކަށީގެންވާ ވަގުތެއް ވެސް ނުލިބޭ ކަމަށެވެ.
ވަކީލް ވިދާޅުވީ އިންތިހާބުގައި ފާހަގަކުރެވުނު މައްސަލަތައް އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާ ކަމަށާއި އަދި ކޮރަޕްޝަނުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވުމުން އެއިން އެއްވެސް މައްސަލައެއްގ ޖަވާބެއް ލިބިފައިވާނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވަކީލް ހުސެއިން ސިރާޖު ވިދާޅުވީ ކޮމްޕިއުލެންސް ބިއުރޯއަށް މައްސަލަތައް ހުށަހަޅާފައިވަނީ ހެކިން ހުށަހެޅުމެއް ނެތި ކަމަށާއި އެ މައްސަލަތައް ނުބެލުމަށް އެތަނުން ނިންމާފައިވާ ކަމަށެވެ.
އަދި ނިހާދުގެ ވަކީލް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ.
މި މައްސަލައިގެ ތެރެއަށް ތަދައްހުލްވެ އިބްރާހިމް ދީދީ ވިދާޅުވީ ނިހާދު ތުހުމަތުކޮށްފައިވާ ކަންތައްތަކަކީ އެއްވެސް އަސްލެއް ނެތް ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
ހައި ކޯޓަށް މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންދުވިއިރު އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި 16 ދާއިރާއެއްގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް ހައިކޯޓުން ބަލިގެންފައިވަނީ އޭގެތެރެއިން 13 މައްސަލައެކެވެ. މިހުރިހާ މައްސަލައިގެ ޝަރީއަތް ވަނީ ފަށާފައެވެ.
ފޭދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ