ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ އަޑުއެހުމަށް ދާދި ދެންމެއަކު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގެންފި އެވެ.
މިމައްސަލައިގެ ޝަރީއަތް ފެށުމަށް ނިންމާފައިވަނީ މެންދުރުފަހު 1:30 ގައެވެ.
މިމައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެގޮތުން އެދުވަހުގެ ޝަރީއަތުގެ މަޖިލިސް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައިވާތީ އެކަން މުރާޖައާ ކޮށްދެއްވާ މިމައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސްދިނުމަށް ގާސިމްގެ ގާނޫނީ ވަކީލުން ހަމައެދުވަހު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް މިއަދުގެ އަޑުއެހުމަކީ ހުޅުވާލައިގެން ކުރިއަށް ގެންދާ އަޑުއެހުމެއް ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެހެންކަމުން ދައުވާ ސާބިތުވެއްޖެނަމަ ގާސިމްގެ ގޮނޑި ވެސް ގެއްލިގެންދާނެ އެވެ. ނަމަވެސް މިފަދަ މައްސަލަތައް ސާބިތުވާ ފަރާތްތަކަށް ޖަލު ހުކުމެއް އިއްވުމުގެ ބަދަލުގައި ޖޫރިމަނާކުރުމާއި، ގޭބަންދަށް ބަދަލުކުރުމުގެ އިހްތިޔާރު ވެސް ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މިއީ މިދައުވާތައް ގާސިމް އިބްރާހީމްގެ މައްޗަށް އުފުލުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ދައުވާ އުފުލިފަހަރު ޝަރީއަތް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް ހުސްވި މަހުގެ 10 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ ފަހު ބަޔަށް ޕީޖީގެ ވަކީލުން ހާޒިރު ނުވުމުން އެމައްސަލަ އޭރު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކޯޓުން މައްސަލަ ބޭރުކޮށްލާފަ އެވެ. އަދި ހަމަ އެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އޭރު ހުންނެވި އަބްދުލް ބާރީ ޔޫސުފާއި ގާޒީ އަހްމަދު ޝަކީލް އެހެން ކޯޓަކަށް ބަދަލުކުރުމަށް ނިންމާފަ އެވެ.
ގާޒީ ބާރީއާއި ޝަކީލް އަކީ ގާސިމްގެ ޝަރީއަތްތައް ކުރިން ހިނގަމުން ދިޔައިރު އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. ގާސިމްގެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ކުރިން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗުގައި ވެސް ހިމެނިވަޑައިގެންނެވި އަދި ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އާދަމް އާރިފް އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ގާސިމް ކޯޓަށް ހާޒިރުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ