މާދަމާ ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގައި ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވަނީ ފަލަކީ މާހިރުން ބުނާގޮތުގައި މާދަމާ، އެނިޔުލަރ އެކްލިޕްސެއް ނުވަތަ އިރުގެ އަނގޮޓި ކޭތައެއް ހިފާނެ ކަމަށެވެ. އެހެންނަމަވެސް، މި ކޭތަ ރާއްޖެއަށް ފެންނާނީ، ފަޅި ކޭތައެއްގެ ގޮތުގައި ކަމަށެވެ.
ރައީސް މައުމޫންގެ ބަޔާނުގައިވާގޮތުން، ރާއްޖެއަށް މި ކޭތަ ހިފަން ފަށާނީ، ހެނދުނު 9:31 ގައެވެ. އެންމެ ބޮޑަށް ހިފާފައި ހުންނާނީ، 10:51 ގައެވެ. އަދި ކޭތަ މުޅިން ވީއްލާނީ، މެންދުރު 12:14 ގައެވެ.
އިރުކޭތަ ހިފަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ.
“އިރުކޭތަ ތިން ގޮތަކަށް ހުރެއެވެ. އެއް ގޮތަކީ، ޓޯޓްލް އެކްލިޕސް އެވެ. ފުރިހަމަ ކޭތައެވެ. އެ ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއްވެސް ތަންކޮޅެއް ފެންނާކަށެއް ނުހުންނާނެއެވެ. ފެންނާނީ، ވަށައިގެން ގަދަ އައްޔެއް ހުރި ކަޅު ބޯޅައެއްގެ ސިފައިގައެވެ. ދެވަނަ ގޮތަކީ، އިރުގެ ފަޅި ކޭތައެވެ. ޕާޝަލް އެކްލިޕްސް އެވެ. މި ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއްބައި ފެންނަން ހުންނާނެއެވެ. އަނެއް ބައި ހުންނާނީ ފޮރުވިފައެވެ” ރައީސް މައުމޫން ފާހަގަކުރައްވާފައި ވެއެވެ.
ތިންވަނަ ގޮތަކީ، އެނިޔުލަރ އެކްލިޕްސް އެވެ. ނުވަތަ [އަނގޮޓި] ކޭތައެވެ. މި ކޭތަ ފެންނައިރު ހީވާނީ ބޮޑު ކަޅު ބޯޅައެއްގެ ވަށައިގެން ވަރަށް ހަނި އަލި ބޮޅެއް ހުންނަ ހެންނެވެ. އަނގޮޓިއެއްގެ ސިފައިގައެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ 15 ދުވަހު ރާއްޖެއަށް މިފަދަ އަނގޮޓި ކޭތައެއް ވަރަށް ރީތިކޮށް ފެނުނުކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ހިފާ އިރުކޭތަ، އަނގޮޓިއެއްގެ ގޮތުގައި އެފްރިކާއާއި އޭޝިޔާގެ ވަރަށް ގިނަ ސަރަޙައްދުތަކަށް ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ކޮންގޯ، އިތިއޯޕިޔާ، ޕާކިސްތާނުގެ ދެކުނު ސަރަޙައްދު، އިންޑިޔާގެ އެންމެ އުތުރު ސަރަޙައްދާއި ޗައިނާ ހިމެނެއެވެ.
ފަޅި ކޭތައެއްގެ ގޮތުގައި މި ކޭތަ ފެންނާނެ ގައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖެއާއި، އުތުރު އަދި އިރުމަތީ އިފްރިކާގެ ގައުމުތަކާއި، ޔޫރަޕްގެ އިރު ދެކުނު ސަރަޙައްދާއި، އޭޝިޔާގެ ގިނަ ގައުމުތަކާއި، އޮސްޓްރޭލިޔާގެ އުތުރު ސަރަޙައްދު ހިމެނެއެވެ.
“އިރާއި ހަނދުގެ ކޭތަތަކަށް ބަލާއިރު، އަހަރަކު ޖުމްލަ 2 ކޭތައާއި ޖުމްލަ 7 ކޭތައާއި ދެމެދުގެ އަދަދަކަށް ކޭތަ ހިފާނެއެވެ. ޖުމްލަ 2 ކޭތަ ހިފާ އަހަރެއް ނަމަ، އެވާނީ، އިރުގެ ދެ ކޭތަ ކަމަށެވެ. ޖުމްލަ 7 ކޭތަ ހިފާ އަހަރެއް ނަމަ، ހިފާނީ އިރުގެ 5 ކޭތަ އާއި ހަނދުގެ 2 ކޭތައެވެ. ނުވަތަ އިރުގެ 4 ކޭތަ އާއި ހަނދުގެ 3 ކޭތައެވެ” ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫން ވިދާޅުވީ މިއީ ހަގީގަތެއް ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ގިނައިން ފެންނާނީ ހަނދު ކޭތަ ކަމަށާއި އިރުކޭތަ ފެންނާނީ އެއަށްވުރެ މަދުން ކަމަށެވެ. ސަބަބަކީ، އިރުކޭތަ ހިފާއިރު ފެންނާނީ ދުނިޔޭގެ މަދު ސަރަހައްދަކަށް ވުން ކަމަށާއި މިއާ ޚިލާފަށް، ހަނދުކޭތަ ހިފާއިރު، ހަނދު އަރާފައިވާ ކޮންމެ ގައުމަކަށްވެސް އެ ކޭތަ ފެންނާނެ ކަމަށެވެ.
މާދަމާގެ އިރުކޭތަ ރާއްޖެއަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގައި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ