ދިވެހިންގެ އެހީގައި ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް ކަރަންޓު!

އިޒްރޭލުގެ ސިފައިން ފަލަސްޠީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތަކުގައި އަނިޔާވާ އެތައް ބަޔަކަށް ފަރުވާދޭން ޣައްޒާގައި ހުރި މައި ހޮސްޕިޓަލަކީ އަލް-ޝިފާ ހޮސްޕިޓަލެވެ. ޣައްޒާގެ އެންމެ ބޮޑު އަދި މައި ހޮސްޕިޓަލްކަމަށްވާ އަލް-ޝިފާ އަކީ ޣައްޒާގެ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދީފައިވާ މުހިންމު ތަނެކެވެ.
ދާދިފަހުން ޣައްޒާއަށް ދޭންފެށި ހަމަލާތަކާއި އެކު، އަލް-ޝިފާ ހޮސްޕިޓަލަށް ވަނީ ވަރަށް ބޮޑަށް ބާރުވެފައެވެ. އެގޮތުން ޒަޚަމުވާ ފަރާތްތަކަށް ފަރުވާދިނުމަށްޓަކައި އެ ހޮސްޕިޓަލުގެ އައިސީޔޫގެ ކެޕޭސިޓީ އިތުރު 18 އެނދަށް އިތުރު ކުރިނަމަވެސް، ހުރިހާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ފަރުވާދިނުމަކީ އެންމެ ފަސޭހަކަމެއް ނޫނެވެ. އެއީ އަނިޔާވާ މީހުންނާއި އަޅާބަލާއިރު މުވައްޒަފުންނާއި ވަސީލަތްތަކުގެ ދަތިކަމުގެ ސަބަބުންނެވެ.
އިޒްރޭލުން ޣައްޒާ ހިސޯރުކޮށްފައިވުމުގެ ސަބަބުން، ޣައްޒާއަކީ ވަރަށް ގިނައިން ކަރަންޓުގެ މައްސަލަ ދިމާވާ ޝަހަރެވެ. އެގޮތުން ޑިމާންޑާއި އެއްވަރަށް ތެލާއި ރަނގަޅު ކަރަންޓު ނިޒާމެއް ނެތުމުން ދުވާލަކު އެތައް ގަޑިއިރެއް ވަންދެން ޣައްޒާއިން ކަރަންޓު ކެނޑެއެވެ. މިކަމުގެ އަސަރު އަލް-ޝިފާ ހޮސްޕިޓަލަށްވެސް ފޯރައެވެ.
އެގޮތުން މިހާރު ދުވާލަކު 18 ވަރަކަށް ގަޑިއިރު ވަންދެން އެ ހޮސްޕިޓަލުން ކަރަންޓު ކެނޑިގެންދެއެވެ. އެކަމުގެ ސަބަބުން އަލް-ޝިފާ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫގެ ޚިދުމަތްވެސް މެދުކެނޑިގެންދެއެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްޠީނާއި ވަރަށް ޚާއްޞަ އަދި ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ޣައްޒާއާއި ފަލަސްޠީނުގެ އެހެނިހެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިން އުފަލާއި އެކު ކުރާހިތްވާ ކަމެކެވެ. އެކަމުގެ މިސާލު މިފަހަރުވެސް މިވަނީ ދައްކާފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި ހަރަކާތްތެރިވާ ދިވެހި ޖަމުޢިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ވަނީ ދިވެހިން ހަދިޔާކުރި ފައިސާއިން، އަލް-ޝިފާ ހޮސްޕިޓަލަށް ބޭނުންވާނެ ތެޔޮ ފޯރުކޮށްދީފައެވެ. އެގޮތުން އައިއޭސީން މަޢުލޫމާތުދޭ ގޮތުގައި، އެ ޖަމުޢިއްޔާއިން ވަނީ 2547 ލީޓަރުގެ ތެޔޮ އެ ހޮސްޕިޓަލަށް ހަދިޔާކޮށްފައެވެ.
މި އަގުހުރި ހަދިޔާގެ ސަބަބުން އެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްތައް މެދުނުކެނޑި، މީހުން ސަލާމަތްކުރެވޭނެކަމަށް އުންމީދުކުރާކަމަށް އައިއޭސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ