ރިޔާސީ ރޭހުގައި ވާދަކުރުމާމެދު މައުމޫން ނޫނެކޭ ވިދާޅެއް ނުވި!

ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން 2013އިގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވާދަ ނުކުރައްވާނެ ކަމަކަށް ވިދާޅެއް ނުވި އެވެ. ނޫސްވެރިން އެ ސުވާލު ތަކުރާރުކޮށް މައުމޫނާ ކުރީ އެމަނިކުފާނުގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް( އިއުލާން ކުރުމަށް މިއަދު ދިޓީވީގައި ބޭއްވި ނިއުސް ކޮންފަރެންސްގަ އެވެ.
އެ ސުވާލުތައް އަމާޒު ކުރުމުން މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ޕީޕީއެމް އިން 2013 އިގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ކާކު ކަމެއް އަދި ނޭނގޭ ކަމަށެވެ. އެކަން ނިންމާނީ އިންސާފުވެރިކަމާއެކު ޕާޓީގެ ތެރޭގައި ބާއްވާ ޕްރައިމަރީއަކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގައި ދަ ކުރައްވާނަންތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ އެވަގުތު އަދި ނާންނަ ކަމަށާއި އެކަން އެނގޭނީ ވަގުތު ޖެހުމުން ކަމަށެވެ. ވާދަ ނުކުރައްވާނެ ކަމަކަށް ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ވިދާޅެއް ނުވި އެވެ. ނަމަވެސް މައުމޫން ވިދާޅުވީ އިއްޔެ އާ ޖެހެންދެން އެމަނިކުފާނު ހުންނެވީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ އެންމެ މަތީ މަގާމުގައި ކަމަށާއި ޕާޓީއެއްގެ އެންމެ މަތީ މަގާމުގައި ހުރި މީހަކީ ސިޔާސީ ކަމެއްގައި ނޫޅޭ މީހެކޭ ބުނާނެ ފުރުސަތެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު އެބައޮތް އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިޕާޓީން ކުރިމަތިލައްވާ ބޭފުޅަކު ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން 2013އިގެ އިންތިހާބު ކާމިޔާބު ކުރައްވާނެ، އެހެން ކަމުން އެ ފުރުސަތަށް އަޅުގަނޑުމެން މިތިބީ ބަލަބަލާ. އަދި ދިވެހި ރާއްޖެއަށް ހެޔޮއެދޭ އެންމެންވެސް މިކަމުގައި އަޅުގަނޑާއެކު މަސައްކަތްކޮށްދެއްވުމަށް އެދެން،" މައުމޫން ވިދާޅުވި އެވެ.
ޑީއާރްޕީގެ ޒައީމް ކަމުންނާއި އެ ޕާޓީގެ މެންބަރު ކަމުން ވަކިވަޑައިގަތުމަށް ފަހު، އެ މަނިކުފާނު އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕީއެމްގެ ނަން އިއުލާން ކޮށްދެއްވައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންގެ ތިޔާގި ކަމާއި ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާނެ އިތުރު ބަޔަކަށް ބޭނުވެފައިވާ ކަމަށާއި ގައުމަށާއި ގައުމުގެ މުސްތަގުބަލަށް ގުރުބާންވާނެ ބަޔަކަށް ބޭނުންވެފައިވާ ކަމެވެ.
"އަޅުގަނޑުގަނޑު އެ ފިޔަވަޅު މިއެޅީ ދިވެހި ގައުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުގައި،" މައުމޫން ވިދާޅުވި އެވެ.
"ގައުމަށްޓަކައި މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވެސް ވާޖިބެއް އަދި ހާއްސަކޮށް ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި 30 އަހަރު ހުރި މީހެއްގެ ހައިސިއްޔަތުން ވެސް ކޮންމެހެން ކުރަން މަޖުބޫރުވާނެ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މިއަދު އިލެކްޝަނަށް ހުށަހަޅުއްވާފައިވާ ޕީޕީއެމް އާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމް އަމާޒު ކުރަނީ ރާއްޖޭގެ މުސްތަގުބަލަށް ކަމަށާއި ހަމައެކަނި މިހާރުގެ ޖީލަށް ނޫން ކަމަށެވެ. ޕީޕީއެމް ހައްދަވަނީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން ދިއުމާއި ގައުމަށްޓަކައި އެ ނޫން ގޮތެއް ނެތުމުން ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލަށާއި އަދި އަޅުގަނޑުމެނަށް ހިތަށް ގެނެވެން އޮތް އެންމެ ދިގު މުއްދަތަކަށް އެހެންވީމާ އަޅުގަނޑުމެން ގައުމު ބޭނުން ވަނީ ތަރައްގީވާން ކުރިއަރަން، ޕްރޮގެރެސިވް މި ލަފުޒް ބޭނުން ކުރެވެނީ ސަރުކާރުގެ ތެރެއިން އިސްލާހު ކުރުމުގެ މަސައްކަތަށް ...އޭގެ މާނައަކީ އަބަދުވެސް ރާއްޖެއަށް ކުރިއެރުން ހޯދައިދޭ ޕާޓީއެކޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމް ހަދަން ނިންމީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. ޕީޕީއެމް އަކީ އެއްވެސް މީހެއްގެ މަސްލަހަތަށް އުފައްދާ ޕާޓީއެއް ނޫން ކަމަށާއި ވަކި މީހަކު އަދި ބަޔަކު ކުރި އަރުވަން އުފައްދާ ޕާޓީއެއް ވެސް ނޫން ކަމަށެވެ. ޕީޕީއެމްއަކީ ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތު އޮތް ޕާޓީއަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމް ހިނގާނީ މެންބަރުންގެ ހިޔާލާ މަޝްވަރާގެ މަތިން ކަމަށާއި ޕާޓީގެ ލީޑަޝިޕުން އަމުރުކޮށްގެން ޕާޓީގެ އެހެން މެންބަރުންނަށް ވަކި ގޮތަކަށް އަމަލު ކުރަން މަޖޫބުރު ކުރުވާ އެގޮތަށް ކަން ނުކުރާ މެންބަރުން ވަކިކުރާ ޕާޓީއަކަށް ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ރާއްޖެއަށް ސިޔާސީ އުސްމިންތައް ހާސިލުކޮށްދޭން ބޭނުންވާ ހުރިހާ އެންމަނަށް ޕީޕީއެމް ހުޅުވާލެވިފައިވާ ކަމަށާއި ޑިމޮކްރެޓިކް އުސޫލުން ހިނގާނެ ޕާޓީގައި ވަކި މީހަކަށް ވަކި ގޮތެއް ނުބާއްވައި އަސާސީ ގަވައިދާ ޑިމޮކްރެޓިކް އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ވެސް މައުމޫން ޔަގީން ކޮށްދެއްވި އެވެ.
"މި ޕާޓީއަކީ ވަކި މީހަކާ ދެކޮޅަށް ވަކި ބަޔަކާ ދެކޮޅަށް އުފައްދާ ޕާޓީއެއް ނޫން. ހަމަ ގައުމަށްޓަކައި، އަޅުގަނޑުމެނަށް ގަބޫލު ކުރެވުނު ގޮތުގައި ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން މިހާލަތު އެބަޖަހޭ ބަދަލު ކުރަން ރައްޔިތުންނަށް އިތުރު ތަނަވަސްކަން ހޯދައިދޭން އެބަޖެހޭ. ރައްޔިތުންނާ ދޭތެރޭގައި އިންސާފުން އަމަލު ކުރެވޭ ނިޒާމެއް ގާއިމުކޮށްދޭނެ އެބަޖެހޭ.އަދި ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ދަމަހައްޓަން އެބަޖެހޭ. އަޅުގަނޑުމެންގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރަން އެބެޖެހޭ. ރާއްޖޭގައި އެކަށީގެންވާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރަން އެބެޖެހޭ..." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމް ހަދަނީ ދިވެހި ރައްޔިތުންނަށް މިވަގުތު ބޭނުންވެފައިވާ ކަންކަން ކުރެވޭނީ ވަރުގަދަ ސިޔާސީ ޕާޓީއެއް ހަދައިގެން ކަން އެމަނިކުފާނާއި އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވިސްނުމާއެކު ކަމަށެވެ. އަދި ރާއްޖެއިން މާތްވެގެންވާ އިސްލާމްދީން ފޮހެވިގެން ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޕީޕީއެމް އިން ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖެއިން މާތްވެގެންވާ އިސްލާމްދީން ފޮހެވިގެން ދިޔަ ނުދާނަމޭ، ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ގެއްލިގެންދިޔަކަ ނުދޭނަމޭ، އަޅުގަނޑުމެން ރާއްޖޭގައި ރައްޔިތުންގެ ހައްގުތަކަށް ބަޔަކު އަރައިގަންނާކަށް ޖާގައެއް ނުދޭނަމޭ، އަޅުގަނޑުމެން ދިވެހި ރައްޔިތިންނަށް އުފާ ފާގަތިކަމާއި ތަނަވަސްކަން ހޯދައިދޭނަމޭ އަދި އަޅުގަނޑުމެނަކީ ދުވަހަކުވެސް ގައުމަށް ހިޔާނާތްތެރިވާނެ ބައެއް ނޫނޭ... އެއީ އަޅުގަނޑުމެންގެ އަޒުމު،" ކުރީގެ ރައީސް ވިދާޅުވި އެވެ.
ޕީޕީއެމްއާ ވީހާވެސް ގިނަ ދިވެހި ރައްޔިތުން ގުޅިވަޑައިގަތުމަށް ގޮވާލައްވައި މައުމޫން ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަން ކަމާއި ޑިމޮކްރެޓިކް އުސޫލުތަކާއި އިޖުތިމާއީ ރީތި އުސޫލުތަކަށް ބޭނުންވާ ހުރިހާ ދިވެހިން ޕީޕީއެމްއާ ގުޅުމަށް ދައުވަތު އަރުއްވަވާ ކަމަށެވެ. ގުޅޭ ހުރިޮހާ ފަރާތްތަކަށް އިހުލާސްތެރި މަރުހަބާއެއް ވިދާޅުވާނެ ކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ މިހާރުގެ ސިޔާސީ މައިދާނުގައި އުޅުއްވާ ބޭފުޅުން މި ޕާޓީއަށް ވެދެވަޑައިގަންނަވާށެކޭ ނޫން. އެއީވެސް ބޭނުން ކަމެއް. މިހާރު އެއްވެސް ޕާޓީއެއްގައި ނޫޅުއްވާ ބޭފުޅުން މި ޕާޓީއަށް ވެދެވަޑައިގަތުމަކީ އަޅުގަނޑުމެނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް."
ތަޖުރިބާއަކީ ގަނެވޭނެ އެއްޗެއް ނޫން ކަމަށް އިޝާރާތް ކުރައްވާ މައުމޫނު ވަނީ ތަޖުރިބާކާރު ބޭފުޅުން ވެސް ޕީޕީއެމްއާ ގުޅުމަށް ދައުވަތު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ