ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅިގެން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޖަލްސާއެއް ބޭއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފިއެވެ.
އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލުތުފީ ފޮރުވައިގެން ގެންގުޅެނިކޮށް އެކަން ފަޅާއަރުވާލައި، އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާ އަންނަ ހުކުރު ދުވަހުގެރޭ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ހުކުރު ދުވަހުގެރޭ 9:00 ގައި ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އުމަރު ވިދާޅުވިއެވެ.
19 ދިވެހިން ޝަހީދުކޮށްލި، ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމާއެކު ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް އޭނާ ބޭސްފަރުވާއަށް ކަމަށް ބުނެ އިންޑިއާއަށް ފޮނުވައިލީ 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ.
އެ ދުވަހުގެ ފަހުން ލުތުފީ ދިރިއުޅެމުން ދިޔައީ ސްރީލަންކާގައި ފިލައިގެންނެވެ. ލަންކާގައި ދިން ބޮމުގެ ހަމަލާއަށްފަހު ލުތުފީ ހިމާޔަތް ހޯދުމަށް ލަންކާގައި ހުރި ދިވެހި އެމްބަސީއަށް ދިއުމުން އެމްބަސީގައި ލުތުފީ ދެމަސްދުވަހު ހުއްޓެވެ. އެމްބަސީގައި ލުތުފީ ދިރިއުޅެމުންދަނިކޮށް، އެކަން ފަޅާ އަރުވައިލީ އުމަރު ނަސީރެވެ.
އެކަމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ލުތުފީ އަނބުރާ ރާއްޖެ ގެނެސް ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންދިއުމަށް ގޮވަލައިމުން ދަނިކޮށް، ރޭގެ ވަގުތެއްގައި އޭނާ ރާއްޖެ ގެނެސް މިހާރު ވަނީ ހުކުމް ތަންފީޒުކުރުމަށްޓަކައި ޖަލަށް ގެންގޮސްފައެވެ.
ލުތުފީ ރާއްޖެ ގެނައުމުން ލިބުނު ކާމިޔާބީ ފާހަގަކުރަން އުމަރު ޖަލްސާއެއް ބާއްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ