ޤާނޫނީ ދާއިރާއިން ކިޔެވުން މަޑުޖައްސާލުމަށްފަހު ކިމްގެ ސަމާލުކަން ފިލްމު އުފެއްދުމަށް

ވޭތުވެދިޔަ އަހަރުތަކުގައި ގާނޫނީ ވަކީލަކަށް ވުމުގެ އުންމީދުގައި ބުރަ މަސައްކަތްތަކެއް ކުރަމުން އައި އެމެރިކާގެ މަޝްހޫރު މީޑިއާ ޕާސަނަލިޓީ، ކިމް ކާޑޭޝިއަން، މިހާރު އޭނާގެ ކެރިއަރުގެ މިސްރާބު ޓީވީ ޕްރޮޑަކްޝަނާ ދިމާލަށް އަނބުރާލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ވަނީ އެކްޓްރެސް އެމާ ރޮބަޓްސް އާއި "ބްރިޖަޓަން" ސީރީޒްގެ އުފެއްދުންތެރިޔާ ކްރިސް ވެން ޑޫސަންއާ ގުޅިގެން ނެޓްފްލިކްސްގެ އާ ފުރާވަރުގެ ޑްރާމާ ސީރީޒެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މިކަމާ ގުޅޭގޮތުން "ޕޭޖް ސިކްސް"އަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، ކިމް ވަނީ މިފަހަރުގެ ބާ އެގްޒާމް (ވަކީލުކަމުގެ އިމްތިހާން) ދޫކޮށްލުމަށްފަހު، އޭނާއަށް އެކަމަށް ފުރިހަމައަށް ތައްޔާރުވެވޭނެ ވަގުތެއްގައި އަލުން އިމްތިހާނުގައި ބައިވެރިވުމަށް ނިންމާފައެވެ. އާންމުކޮށް މި އިމްތިހާނަށް ތައްޔާރުވާ މީހުން މަސްތަކެއް ކުރިން ހުރިހާ ވަގުތެއް އެކަމަށް ހުސްކުރާއިރު، ކިމް އަކީ ހަތަރު ކުދިންގެ އެކަނިވެރި މައެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ބުރަ މަސައްކަތްތަކެއް ކުރަމުންދާ މީހެއްކަން މީޑިއާ ރިޕޯޓުތަކުން ވަނީ ފާހަގަކޮށްފައެވެ. ނެޓްފްލިކްސްއާ ގުޅިގެން އުފައްދާ "ކަލަބާސަސް" ބިނާވެފައި ވަނީ ވިއާ ބްލައިޑްނާގެ ފޮތުގެ މައްޗަށެވެ. މި ސީރީޒްގެ ވާހަކަ ބިނާވެފައި ވަނީ މަޑުމައިތިރި 16 އަހަރުގެ އަންހެން ކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށެވެ. ކިމް ކާޑޭޝިއަން އަދި އެމާ ރޮބަޓްސް--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ ސީރީޒްގެ އުފެއްދުންތެރިޔާ ވެން ޑޫސަން ބުނިގޮތުގައި، "ކަލަބާސަސް" އަކީ އޭނާ އަބަދުވެސް އުފައްދަން ހުވަފެން ދެކެމުން އައި ކަހަލަ ސީރީޒެކެވެ. މިއީ އޭނާ ބޮޑުވަމުން އައިއިރު ގަޔާވި ފަދަ، ޝައުގުވެރި، ހިތްގައިމު އަދި އިހުސާސްތަކުން ފުރިގެންވާ އުފެއްދުމެކެވެ. އޭނާ އިތުރަށް ބުނިގޮތުގައި، މި ސީރީޒް ބިނާކޮށްފައި ވާނީ ލޯބީގެ ގުޅުންތަކާއި، އަމިއްލަ ނަފްސު ދެނެގަތުމުގައި ޒުވާނުންނަށް ކުރިމަތިވާ ނަފްސާނީ އަދި އިހުސާސީ ގޮންޖެހުންތަކުގެ މައްޗަށެވެ. މި ސީރީޒަކީ ކްރިސް ވެން ޑޫސަން މިދިޔަ އަހަރު ނެޓްފްލިކްސްއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުފައްދާ މަސައްކަތެކެވެ. އޭނާ މި ޕްރޮޖެކްޓާ ގުޅުނީ މީގެ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގެ ތެރޭގައެވެ. ކިމްއާ އެކު މަސައްކަތް ފަށާފައިވާ މި ޕްރޮޖެކްޓް ބެލުންތެރިންނަށް ގެނެސްދޭނެ ސީދާ ތާރީޙެއް އަދި އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ