ކުދިންގެ ދުޅަހެޔޮކަމާއި އުފާވެރިކަމުގެ އަސްލަކީ ހަރަކާތްތެރިވެ އުޅުން: ސައިންސްވެރިން
މާޒީއާ އަޅާބަލާއިރު މިއަދުގެ ކުޑަކުދިންގެ ހަރަކާތްތެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ ކުދިން އިތުރަށް ހަރަކާތްތެރި ކުރުވުމަށް ޓަކައި އަމަލީ ގޮތުން ކުރެވިދާނެ ފައިދާހުރި ގޮތްތަކެއް ހޯދުމަށެވެ. ދުނިޔޭގެ ނިސްބަތުން ކުޑަކުދިން ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވުމުގެ ސަބަބުން، އެކުދިންގެ ސިއްހަތަށް ދާއިމީ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެއްވައެވެ. މި މައްސަލަ އިތުރަށް ގޯސް ވަނީ ކުޑަކުދިންގެ މެދުގައި ފަލަބަލި ނުވަތަ 'އޮބޭސިޓީ'ގެ މައްސަލަ އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ 10 ކުއްޖަކުން ނުވަތަ ފުރާވަރުގެ ކުއްޖަކުން އެކަކީ މި ބަލީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މި މައްސަލަ ކުރިމަތިވާ މައިގަނޑު ސަބަބުތަކަކީ އެއްތަނެއްގައި އިށީނދެގެން ތިބޭ ވަގުތު ގިނަވުމާއި، ނަފްސާނީ ފިއްތުންތަކާއި، ކާބޯތަކެތީގެ ފެންވަރު ދަށްވުމުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވާ މިންވަރު މަދުވުމެވެ. ނަމަވެސް، ކުދިން ހަރަކާތްތެރިވުން މަދުވާ ސަބަބުތައް ދެނެގަނެވުމަކީ، އެކުދިން އިތުރަށް ހަރަކާތްތެރި ކުރުވުމަށް ފުރުސަތުތައް ފަހިވެގެންދާނެ އުފާވެރި ޚަބަރެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި، މިކަމަށްޓަކައި ކުރެވިދާނެ އަމަލީ އަދި ނަތީޖާ ނެރެވޭނެ ގޮތްތައް އެބަހުއްޓެވެ. މީގެ ސަބަބުން ކުދިންގެ ހަށިހެޔޮކަމާއި ވިސްނުންތެރިކަން އިތުރުވެ، މުސްތަގުބަލުގައި ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. ސިއްހީ އިރުޝާދުތަކުގައިވާ ގޮތުން ކުޑަކުދިން ދުވާލަކު މަދުވެގެން 60 މިނިޓު ހަށިގަނޑު ހަރަކާތްތެރިވާ ފަދަ ކަމެއްގައި މަޝްއޫލުވާންޖެހުނު ނަމަވެސް، ގިނަ ކުދިން މި މިންގަނޑަށް އަމަލެއް ނުކުރެއެވެ. ކަސްރަތުގެ ސަބަބުން ކުއްޖާ ބޮޑުވަމުން އަންނައިރު ވިސްނުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމަށް އެމެރިކާގެ ޔުނިވަސިޓީ އޮފް ރޯޑް އައިލެންޑްގެ އެސިސްޓަންޓް ޕްރޮފެސަރު ނިކޯލް ލޯގަން ވަނީ ވިދާޅުވެފައި--ފޮޓޯ/ބީބީސީ ކުޑައިރު ހަރަކާތްތެރިވެ ނޫޅުމަކީ ބޮޑުވާއިރު ވެސް އެ އާދަ ދެމިގެންދާ ކަމެކެވެ. އޭގެ އިދިކޮޅަށް، ކުޑައިރު ހަރަކާތްތެރިކޮށް އުޅޭ ކުދިން ބޮޑުވުމުން ވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ބޮޑެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ބައިވެރިންގެ މެދުގައި 50 އަހަރު ވަންދެން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި، ސާނަވީ ތައުލީމުގެ ދުވަސްވަރު ކުޅިވަރުގައި ބައިވެރިވި މީހުން، އުމުރުން 70 އަހަރުވާއިރު ވެސް ސިއްހީ ގޮތުން މާ ދުޅަހެޔޮވެފައި، ޑޮކްޓަރަށް ދައްކަންޖެހޭ މިންވަރު ވެސް މަދެވެ. އެމެރިކާގެ ޔުނިވަސިޓީ އޮފް ރޯޑް އައިލެންޑްގެ އެސިސްޓަންޓް ޕްރޮފެސަރު ނިކޯލް ލޯގަން ވިދާޅުވާ ގޮތުގައި، ކަސްރަތުގެ ފައިދާ ވަގުތުން ފެންނަން ފަށައެވެ. ހަށިގަނޑުގެ ބައްޓަން ރަނގަޅުވުމުގެ އިތުރުން، ކުއްޖާ ބޮޑުވަމުން އަންނައިރު ވިސްނުމުގެ ގާބިލުކަން އިތުރުކޮށްދީ، ހިތާއި ފުއްޕާމޭގެ ދުޅަހެޔޮކަން އިތުރުވުމުގެ ސަބަބުން ސިކުނޑިއަށް ވެސް ފައިދާކުރެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ 'ޑަބްލިއުއެޗްއޯ' ފަދަ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، ކުދިން އެއްތަނެއްގައި އިށީނދެގެން ތިބޭ ވަގުތު މަދުކޮށް، ހަރަކާތްތެރިވާ ވަގުތު އިތުރުކުރުމަށް މިހާރު ހާއްސަ ސަމާލުކަމެއް ދެއެވެ. ކުދިން އިށީނދެގެން ތިބޭ ވަގުތު މަދުކޮށް، ކްލާސްތެރޭގައި ހަރަކާތްތެރިވުން އިތުރުކުރުމުން، ކުދިންގެ ބަނޑުގެ ސަރުބީ މަދުވެ، ކުޅިވަރުގައި ބައިވެރިވާ މިންވަރު އިތުރުވިކަމަށް ދިރާސާއަކުން ވަނީ ދައްކާފައި--ފޮޓޯ/ބީބީސީ ލޯގަން ކުރިއަށް ގެންދިޔަ ނުވަ މަސްދުވަހުގެ ޕްރޮގްރާމަކުން ދެއްކި ގޮތުގައި، ކޮންމެ ދުވަހަކު ސްކޫލް ނިންމާފައި ކަސްރަތު ކުރި ކުދިންގެ ވިސްނުމުގެ ފެންވަރު، އެކަމުގައި ބައިވެރިނުވާ ކުދިންނަށްވުރެ މާ ރަނގަޅެވެ. މީގެ އިތުރުން، ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑުގެ ސަރުބީ މަދުވެ، ސިކުނޑީގެ މަސައްކަތް ހަލުވިވެގެންދެއެވެ. ހަށިގަނޑުގެ ގުނަވަންތަކުގެ ވަށައިގެން ޖަހާ ސަރުބީގެ ސަބަބުން ވިސްނުމަށް ކުރިމަތިވާ ބުރޫތައް ކަސްރަތުގެ ސަބަބުން ފިލައިގޮސް، ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުވެގެންދެއެވެ. އެހެންކަމުން، ސްކޫލްތަކުގައި ދުވާލަކު 60 މިނިޓުގެ ހަރަކާތްތަކެއް ހިމެނުމަށް ލޯގަން ލަފާދެއްވައެވެ. މިއީ ބެލެނިވެރިންނަށް މާލީ ގޮތުންނާއި ވަގުތުގެ ގޮތުން ކުރިމަތިވާ ތަކުލީފުތަކަށް ވެސް ލިބޭނެ ލުޔެކެވެ. ޑެންމާކްގެ ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ ޕްރޮފެސަރު އުލާ ޓޮފްޓް ވިދާޅުވާ ގޮތުގައި، ކުދިން ފަލަވުން ހުއްޓުވުމަށް އެންމެ ފައިދާހުރި ގޮތަކީ ކާބޯތަކެތީގެ މާހައުލު ރަނގަޅުކުރުމާއި، ހަރަކާތްތެރިކަން އިތުރުކުރުމުގެ އިތުރުން ސްކްރީން ބޭނުންކުރާ ވަގުތު ކޮންޓްރޯލް ކުރުމެވެ. އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ކުދިން އިށީނދެގެން ތިބޭ ވަގުތު މަދުކޮށް، ކްލާސްތެރޭގައި ހަރަކާތްތެރިވުން އިތުރުކުރުމުން، ކުދިންގެ ބަނޑުގެ ސަރުބީ މަދުވެ، ކުޅިވަރުގައި ބައިވެރިވާ މިންވަރު އިތުރުވިއެވެ. ފުރާވަރަށް އަޅާއިރު، ހާއްސަކޮށް އަންހެން ކުދިންގެ ހަރަކާތްތެރިކަން މަދުވާތީ، ބެލެނިވެރިންގެ ހިތްވަރާއި އެހީތެރިކަން މިކަމުގައި ވަރަށް މުހިންމެވެ. ކުދިންނަކީ ބޮޑެތި މީހުންގެ ކިބައިން ނަމޫނާ ނަގާ ބަޔަކަށް ވާތީ، ބެލެނިވެރިން އަމިއްލައަށް ހަރަކާތްތެރިވެ އުޅުމަކީ ކުދިންނަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. އިނގިރޭސިވިލާތުގެ ސްވަންސީ ޔުނިވަސިޓީގެ މިކޭލާ ޖޭމްސް ފާހަގަކުރައްވާ ގޮތުގައި، ހަރަކާތްތެރިވެ އުޅުމުގައި ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރު އޮންނަ ނަމަ، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ. ޒުވާން ކުދިން ބޭނުންވާ ހަރަކާތްތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ދިނުމަކީ، އޯގާތެރި އަދި ހަމްދަރުދީވާ އިންސާނުންތަކެއް ބިނާކުރުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ