ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކާއެކު ސަރުކާރުން ކުރިއަށް ގެންދާ ”ކޫލް ސްކޫލް“ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙުސައިން ވިދާޅުވީ، ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ނުނިމި ހުރި މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފައްޓަވާފައިވާ މި މަޝްރޫއަކީ ސްކޫލްތަކުގެ ކްލާސްރޫމްތައް ހޫނުގަދަވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އަފީފް ވިދާޅުވީ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތަށް ފެނަކައިން ހާއްސަ އިސްކަމެއް ދީގެން، ޓީމުތަކުން ރޭދުވާލު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ބައެއް ރަށްރަށުގައި މި މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ އަދަދެއްގެ އޭސީ ހިންގުމަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލުކަން ބައެއް ރަށްރަށުގެ ވިއުގާގައި ނެތުމުން، ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑްކޮށް، ވޯލްޓޭޖް ހަމަހިފެހެއްޓުމަށް ޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުގެ ކަރަންޓު ވިއުގައަށް ބޮޑު އިންވެސްޓްމަންޓެއް
ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، މިހާތަނަށް 21 ރަށަކަށް އައު ޖަނަރޭޓަރު ސެޓުތައް ފޮނުވައި ހިދުމަތް ދޭން ފަށާފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އަދި އިތުރު 24 ރަށަކަށް ޖަނަރޭޓަރު ފޮނުވުމާއި އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ 250 ކިލޯވޮޓުން ފެށިގެން 1.2 މެގަވޮޓާ ދެމެދުގެ ފަސް އައު ޖަނަރޭޓަރު ސެޓު ހޯދާފައެވެ. ބޮޑެތި ޖަނަރޭޓަރުތައް ރަށްރަށަށް އުފުލުމުގައި ލޮޖިސްޓިކް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރަށްރަށުގެ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯލާ ހަކަތައިގެ މަންފާ ގިނަ ގޭބިސީތަކަކަށް
މީގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފުޅާކޮށް، ތެލަށް ބަރާސާވާ މިންވަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް އެ ކުންފުނިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ފެނަކައިގެ ހައުސްހޯލްޑް ސޯލާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، މިހާތަނަށް 226 ގޭބިސީއެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކޮށް، ގްރިޑާ ގުޅާލެވިފައިވާ ކަމަށެވެ. މީގެ ޖުމްލަ ކެޕޭސިޓީއަކީ 914 ކިލޯވޮޓެވެ.
މި މަޝްރޫއުގެ ސަބަބުން ބައެއް ގޭބިސީތަކުގެ ކަރަންޓު ބިލް ސުމަކަށް ތިރިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
”ސޯލާ ހަކަތައަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑު. އަންނަ އޯގަސްޓް މަހުގެ ނިޔަލަށް އިތުރު 3 މެގަވޮޓްގެ ސޯލާ ކެޕޭސިޓީ އިތުރުކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،“ އަފީފް ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ބޮޑެތި ސިޓީތަކާއި ރަށްތަކުގައި ވެސް ސޯލާ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
އައްޑޫ ސިޓީ (ހިތަދޫ، ފޭދޫ އަދި ހުޅުދޫ)
ފުވައްމުލައް ސިޓީ
ތިނަދޫ ސިޓީ
ބ. އޭދަފުށި
ޅ. ހިންނަވަރު
ހދ. ކުޅުދުއްފުށި
މިހާތަނަށް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދޭނެ ނިޒާމުތައް ގާއިމުކުރެވިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. މިއީ ތެލަށް ކުރާ ހޭދަ ކުޑަކޮށް، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް އެއްކޮށް ނިމޭނެ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ