ފަހި ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް އިންޒާރުދީފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިއުމުން އިންޒާރު ދީފިއެވެ. އެފްޑީސީން 'ސަން'އަށް މިއަދު ބުނީ، އެ ކޯޕަރޭޝަންގެ ހައުސިން ފުލެޓުތަކުގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލާ ޚިލާފަށް ކުއްޔަށް ދޫކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މައްސަލަތަކާ ގުޅިގެން، މިދިޔަ މެއި މަހު އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރުދީފައިވާ ކަމަށް، އެފްޑީސީން ބުންޏެވެ. އަދި އެފަދަ އިތުރު ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށްވެސް، އެ ކޯޕަރޭޝަނުން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި، އެފްޑީސީން މީގެ ކުރިން ވަނީ، ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށްދިން މައްސަލައެއްގައި މީހަކު ބައިލައްކަ ރުފިޔާއިން މިދިޔަ ފެބްރުވަރީ މަހު ޖޫރިމަނާކޮށް، އެ ފުލެޓުން ބިދޭސީން ނެރެފައެވެ. https://sun.mv/217827 މީގެ އިތުރުން، އިތުރުން، ފަހި ޓަވަރަށް ކުނި އެޅި މައްސަލައިގައި ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. ބޯހިޔާވަހިކަމެއް ނެތް ކަމަށް ބުނެ ހޯދާފައިވާ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލައަކީވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން ފަހި ފުލެޓުތައް ހަވާލުކޮށް ނުނިމެނީސް ވެސް، ވަރަށް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރުކުރި މައްސަލައެއް ފެންމަތިވިއެވެ. އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ އެ މައްސަލައާ ގުޅިގެން، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވަނީ ސޯޝަލް ސްކީމްތަކުން ދޭ ފުލެޓުތައް އެހެން މީހުންނަށް ކުއްޔަށް ދޫކުރުން، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/218703 މުއްޠަލިބު ވިދާޅުވި ވާހަކައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ފަރާތުން މި ގާނޫނު ހުށަހަޅާނެ ތާރީޚެއް ހޯދުމަށްޓަކައި ބަންޑާރަނައިބު އަޙްމަދު އުޝާމަށް ތަކުރާރުކޮށް ގުޅި ނަމަވެސް، ފޯނު ބިޒީކުރައްވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރި ހިޔާ ފްލެޓްތައް ކުއްޔަށް ދިނުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. ކުއްޔަށް ދިނުމުގެ އިތުރުން މަހު ކުލި ނުދެއްކުމުގެ މައްސަލަ ވެސް ހިޔާ ފްލެޓްތަކުގައި ވަރަށް އާއްމެވެ. އެ މައްސަލައިގައި އިތުރަށް ފާޑުކިޔުން އަމާޒުވަނީ، ސޯޝަލް ހައުސިން ފުލެޓުތަކަށް ކޮންމެ ސަރުކާރެއްގައި ވެސް ދެމުންދާ ލުއިތަކުގެ ސަބަބުންނެވެ. އެގޮތުން ކުލި ދަށްކުރަމުން ދިޔަ ނަމަވެސް، ފުލެޓުތަކުގެ ވެރިން ބޮޑު އަގުގައި އެ ފުލެޓުތައް އަލުން ކުއްޔަށް ދިނުން ނުހުއްޓުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ